19 May 2012, 22:28
ކޭމްޕްޑޭވިޑް (މޭ 19) ދުނިޔޭގައި އުފެއްދުންތެރިކަމާއި ސީނާޢީ ގޮތުން އެންމެބޮޑަށް ކުރިއަރާފައިވާ ޖީ- އަށެއްގެ ޤައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ އެޖެންޑާގެ އެންމެ ކުރީގައި ވަނީ އީރާނުގެ ނިއުކްލިޔާ މައްސަލަ އާއި ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ މައްސަލައާއި ޔުރަޕްގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތައް ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ޖީ- އަށެއްގެ ސަމިޓްގެ އިދާރީކަންތައްތަކާ ބެހޭ ދާއިރާތަކާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މިތިން މައްސަލައިގެ އިތުރުން އުތުރުކޮރެޔާގެ ނިއުކްލިޔާ މައްސަލަ އާއި ފަގީރު ޤައުމުތަކަށް ކުރިމަތިވަމުންދާ ކާބޯތަކެތީގެ ދަތިކަމާއި ހައިހޫނުކަމުގެ މައްސަލަތައް ހައްލުކުރުމާބެހޭ ގޮތުން ވެސް ޖީ-އަަށެއްގެ އިސްވެރިން މަޝްވަރާކުރައްވައި ގޮތްތަކެއް ކަނޑައެޅުމަށް ހަމަޖެހިފައިވެ އެވެ.
ރޭމިސަމިޓް އިފްތިތާޙް ކުރެވިގެންދިޔައީ ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ޖީ-އަށެއްގެ ލީޑަރުންގެ ޝަރަފުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވި ރޭގަނޑުގެ ފަރިއްކޮޅަކުންނެވެ. ވޮޝިންގްޓަންގެ ކައިރީގައިވާ އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ރޭއޮތް މިފަރިއްކޮޅުގައި ޖީ- އަށެއްގެ ޤައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންގެ އިތުރުން އެބޭފުޅުންގެ އަރިހުގައި ވަޑައިގެންނެވި ވަފްދުތަކުގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެތެރޭގައި ދާދިފަހުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަރަންސޭސި އައު ރައީސް ފްރާންސްވާ އޮލާންޑޭވެސް ހިމެނިވަޑައިގެންނެވި އެވެ.
މިސަމިޓް ފެށުމުގެ ކުރިން އެމެރިކާގެ ރައީސް އޮބާމާ ވަނީ ފަރަންސޭސި އައު ރައީސް އޮލާންޑޭ އާ ވަކިން ބައްދަލުކުރައްވާފަ އެވެ. މިއީ އޮލާންޑޭ މަޤާމާ ޙަވާލުވެވަޑައިގަތުމަށް ފަހު ޤައުމުން ބޭރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. މިސަމިޓްގައި، ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންގެ ބަދަލުގައި ރަޝިޔާ ތަމްޘީލް ކުރައްވަނީ އެޤައުމުގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ޑިމީޓްރީ މިޑްވެޑޭވް އެވެ.
ސަމިޓް އިފްތިތާޙު ކުރުމުގެ ގޮތުން ބޭއްވި ފަރިއްކޮޅުގައި ވާހަކަ ދައްކަވަމުން އޮބާމާވަނީ ޔޫރަޕްގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކާބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އޮބާމާގެ ވާހަކާގައި ދަރަނީގެ ސަބަބުން ގްރީސްއަށް ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ މައްޗަށް ބައްލަވާލެއްވި އެވެ. އަދި ދުނިޔެއިން ހައިހޫނުކަން ނައްތާލުމަށާއި ފަގީރު ޤައުމުތަކަށް ކާބޯތަކެތީގެ ގެރެންޓީ ދިނުމުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ބައިވެރިވުމަށް އޮބާމާ ގޮވާލެއްވިއެވެ. ޖީ- އަށެއްގައި ހިމެނެނީ އެމެރިކާއާއި ރަޝިޔާގެ އިތުރުން ޖަޕާން، ޖަރުމަނު، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ކެނެޑާ އަދި އިޓަލީއެވެ. (ބީ.ބީ.ސީ)