12 Nov 2023, 16:31
އޮންލައިންކޮށް ފަލަސްތީނު ރަމްޒުކުރުމަށްޓަކައި ކަރާ އިމޯޖީ ބޭނުންކުރާ ފަރާތްތައް ޓިކްޓޮކާއި، އިންސްޓަގްރާމް އާއި، އެކްސް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޓްރެންޑްވާން ފަށައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފަލަސްތީނާ ގުޅުން ހުރި ކޮންޓެންޓް ސެންސަރު ކުރާ ކަމަށް ތުހުމަތު ކުރެވޭއިރު، ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މުޒާހަރާއާއި އައިޑެންޓިޓީގެ ރަމްޒެއްގެ ގޮތުގައި ކަރާ އިމޯޖީ ބޭނުންކުރަން ފަށާފަ އެވެ. ޓިކްޓޮކް، ޓްވިޓާ އަދި އިންސްޓަގްރާމް ފަދަ ސައިޓްތަކުގައި ކުރަމުންދާ ޕޯސްޓުތަކުގައި "ފަލަސްތީން" އަދި "ޣައްޒާ" ފަދަ ލަފުޒުތައްގެ ބަދަލުގައި ގިނަބަޔަކު ދަނީ މި ކރާ އިމޯޖީ ބޭނުންކުރަމުންނެވެ.
އެކްޓިވިސްޓުން ގަބޫލުކުރާ ގޮތުގައި ޣައްޒާގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ މައުލޫމާތު ޓެކް ކުންފުނިތަކުން ދަނީ ނަގަމުންނެވެ. ފުޅާ ދާއިރާއެއްގައި އެފަދަ ކޮންޓެންޓް ނެގުމަށް ކުންފުނިތަކުން މަސައްކަތް ކުރާއިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި ކޯޑެޑް ސިމްބޮލްތައް ބޭނުންކުރުމުން ޣައްޒާއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ މިނިވަންކަމާއެކު ކުރެވޭނެ ކަމެކެވެ.
މި ކަރާ އިމޯޖީ ރަމްޒުކޮށްދެނީ ފަލަސްތީނުގެ މަނާކޮށްފައިވާ ދިދައިގެ ކުލަތައް ކަމަށްވާ ރަތް، ފެހި އަދި ކަޅު ކުލައެވެ. ފަލަސްތީނުގެ ފަންނުވެރިކަމާއި ކެއުމުގައި ޒަމާނުއްސުރެ ކަރާ ހިމެނުމަކީ އެމީހުގެ ސަގާފީ އާދައެކެވެ. ނަމަވެސް ސިޔާސީ ނިޝާނެއްގެ ގޮތުގައި އެތަކެތި ބޭނުންކުރަން ފެށީ 1980ގެ އަހަރުތަކުގައި އިސްރާއީލުން ފަލަސްތީނުގެ ދިދަ އާންމުކޮށް ދެއްކުން މަނާކުރުމުންނެވެ.
ފަލަސްޠީނުގެ ފަންނާނުން ކަރާއާއި އެހެނިހެން މޭވާތައް ބޭނުންކުރަން ފެށީ އިސްރާއީލްގެ ހަމަލާތަކާ ދެކޮޅު ހެދުމުގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުގައެވެ. ކޮންޓެންޓް މޮޑަރޭޝަނުން އެއްކިބާވެ، ފަލަސްތީނުގެ އައިޑެންޓިޓީ ދަމަހައްޓައި، ޣައްޒާއަށް ވަކާލާތު ކުރުމުގެ ގޮތުން މި އިމޯޖީ މިހާރު ވަނީ އޮންލައިންކޮށް ފެތުރިފަ އެވެ. ގިނަ ޕްލެޓްފޯމްތަކުގައި ޓްރެންޑަކަށް ވެފައެވެ.
އެގޮތުން #watermelon ހޭޝްޓެގުން ވަނީ ބިލިއަނަށްވުރެ ގިނަ ޓިކްޓޮކް ވިއުސް ހޯދާފައެވެ. ފޭސްބުކް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ހަމާސްއަށް ތާއީދުކުރާ ޕޯސްޓްތައް މި މަހުގެ ކުރީކޮޅު މަނާކުރުމާ އެކު އެ އިމޯޖީ ބޭނުންކުރުން ވަނީ އިތުރުވެފައެވެ. ފަލަސްޠީނުގެ ދިދަ ދެއްކުންވެސް މަނާކޮށްފައިވާއިރު، ފަލަސްޠީނުގެ ވާހަކަތައް ސިމްބޮލިޒަމްގެ ޒަރިއްޔާއިން ސޯޝަލް މީޑިއާގައި ކުރިއެރުވުމަށް މި އިމޯޖީ މަގުފަހިކޮށްދެއެވެ.