12 Nov 2023, 14:17
ގާނާ އަދި ލެވަންޓޭގެ ކުރީގެ ތަރި ރަފައެލް ޑުވަމޭނާ، މެޗެއްގެ ތެރެއިން މަރުވެއްޖެއެވެ.
ކޭއެފް އެގްނާޓިއާއަށް ކުޅެމުންދާ އުމުރުން 28 އަހަރުގެ ފޯވަޑް ޑުވަމޭނާ ވަނީ އަލްބޭނިއާގެ ފުރަތަމަ ޑިވިޝަންގެ ލީގު، ކަޓެގޯރިއާ ސުޕީރިއޯރޭގައި ޕާޓިޒާނީއާ ދެކޮޅަށް ކުޅެމުންދިޔަ މެޗުގެ ތެރެއިން ދަނޑުމައްޗަށް ވެއްޓިފައެވެ. ގާނާ ފުޓުބޯލް އެސޯސިއޭޝަން (ޖީއެފްއޭ) އިން ބުނެފައިވާ ގޮތުގައި ޑުވަމޭނާ މަރުވީ ހާޓްއަޓޭކެއް ޖެހިގެންނެވެ.
"ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ރަފައެލް ޑުވަމޭނާ މަރުވި ޚަބަރު ގާނާ ފުޓްބޯލް އެސޯސިއޭޝަނަށް ލިބުނީ ހިތާމަވެރި ޚަބަރެއްގެ ގޮތުގައި. އޭނާ މަރުވީ ލީގު މެޗެއްގައި ހޮނިހިރު ދުވަހު އަލްބޭނިއާގައި ކުޅެމުންދަނިކޮށް، ހާޓްއެޓޭކެއް ޖެހި، ދަނޑުމައްޗަށް ވެއްޓި،" ޖީއެފްއޭއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޖީއެފްއޭގެ ރައީސް ކާޓް ސިމިއޮން އޮކްރަކޫ ވިދާޅުވީ ޑުވަމޭނާ މަރުވުމަކީ ލިބުނު ބޮޑު ހިތާމައެއް ކަމަށާއި އޭނާއަކީ އަބަދުވެސް ގާނާއަށް މޮޅު ކުޅުމެއް ދައްކަމުންދިޔަ ކުޅުންތެރިއެއް ކަމަށެވެ.
މިސީޒަނުގައި ޑުވަމޭނާ ވަނީ އެގްނާޓިއާއަށް މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން އޭނާ ވަނީ އަލްބޭނިއާ ލީގާއި ޔޫރޮޕާ ކޮންފަރެންސް ލީގުގައި ޖުމުލަ 12 ގޯލު ކާމިޔާބުކޮށްދީފައެވެ.
އެގްނާޓިއާއާ ޑުވަމޭނާ ގުޅުނީ މިއަހަރުގެ ޖެނުއަރީ މަހު ސްވިޒަލެންޑްގެ ބީއެސްސީ އޯލްޑް ބޯއީސް އިންނެވެ. އޭނާ ވަނީ ލެވަންޓޭ، އެފްސީ ޒިއުރިކް އަދި ރެއާލް ޒަރަގޯޒާ ފަދަ ކްލަބުތަކަށް ވެސް ކުޅެފައެވެ.
ގާނާގެ ގައުމީ ޓީމަށް ޑުވަމޭނާ ފުރަތަަމަ މެޗެއް ކުޅުނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ މެޗުގައި އޭނާ ދެ ގޯލު ކާމިޔާބުކުރިއެވެ. ގާނާއަށް ޑުވަމޭނާ ވަނީ ޖުމުލަ އަށް މެޗު ކުޅެފައެވެ.