އިސްރާއީލުން ޣައްޒާގައި ތުއްތު ކުދިންނާއި އަންހެނުން މެރުން ހުއްޓާލަން ޖެހޭ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެއެވެ.

ބީބީސީ ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެލިސީ މެކްރޮން ވިދާޅުވީ ޣައްޒާއަށް ހަމަލާތައް ދިނުމަށް ދެއްކޭނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި ހަނގުރާމަ ހުއްޓާލުމުން އިސްރާއީލަށް ފައިދާ ކުރާނެ ކަމަށެވެ.

އާންމުންނަށް އަމާޒުކޮށް ހަމަލާތައް ދިނުން ހުއްޓާލަން ގޮވާލި ނަމަވެސް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ދޭ ޓެރަރިސްޓު ހަމަލާތައް ކުށްވެރިކުރައްވާ ކަމަށްވެސް މެކްރޮން ވިދާޅުވިއެވެ.

އެމެރިކާ، އިނގިރޭސިވިލާތް އަދި ހުޅަނގުގެ ގިނަ ގައުމުތަކެކޭ އެއްފަދައިން ފްރާންސުންވެސް ދެކެނީ ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން ފްރާންސްގެ ޕެރިހުގައި ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ސަމިޓުގައި ބައިވެރިވި ހުރިހާ ސަރުކާރުތަކާއި އިދާރާތަކުގެ ނިންމުމަކީ، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަނގުރާމަ މެދުކަނޑާލުން ކަމުގައި މެކްރޮން ވިދާޅުވިއެވެ. އަދި ހަނގުރާމަ ހުއްޓާލުމަށާއި އޭގެ ސަބަބުން ޓެރަރިސްޓު އަމަލުތަކާ ނުވެސް ބެހޭ ބަޔަކަށް ލިބޭ އަނިޔާ ހުއްޓުވޭނެ ކަމަށްވެސް މެކްރޮން ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

މެކްރޮންގެ ވާހަކަފުޅުތަކަށް އިސްރާއީލުގެ ރައީސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ގައުމުތަކުން ކުށްވެރިކުރަން ޖެހޭނީ ހަމާސް ކަމަށާއި އިސްރާއީލު ނޫން ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

އިސްރާއީލުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެފައިތޯ ސުވާލުކުރުމުން މެކްރޮން ވިދާޅުވީ އޭނާ އަކީ ފަނޑިޔާރެއް ނޫން ކަމަށާއި ގައުމެއްގެ ވެރިއެއް ކަމަށެވެ. އަދި އެ ސުވާލަށް ޖަވާބުދީ އިސްރާއީލަށް އެއްޗެއް ބުނުމަކީ ރަގަޅު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކަށް މަހަކަށްވުރެ އިތުރުވެގެންދިޔައިރު، މިހާތަނަށް 11،078 މީހުން ޝަހީދުކޮށްލާފައިވެއެވެ. 1.5 މިލިއަން މީހުންގެ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައިވާއިރު، އެތައް ސަތޭކަ ބަޔަކު ވަނީ ވީނުވީއެއް ނޭގި ގެއްލިފައެވެ.