ސައުތު ސިނަމާގެ ބަތަލާ ރަޝްމިކާ މަންދަންނާގެ ފޭކް ވީޑިއޯއެއް ފޭސްބުކްގައި ދައުރު ކުރި މައްސަލަ ބަތަލާގެ ޓީމުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ދިއްލީ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކުރި އެކައުންޓުގެ މަޢުލޫމާތު ހޯދުމަށް އެދި ފުލުހުން ވަނީ މެޓާއަށް ހާއްސަ ސިޓީއެއް ފޮނުވާފައެވެ.

ރަޝްމިކާގެ މޫނު ބޭނުން ކޮށްގެން އާއްމުކޮށްފައިވާ މި ވީޑިއޯ އިންޓަނެޓުގައި ދައުރުކުރި ފަރާތްތަކުގެ މަޢުލޫމާތު ފުލުހުން ހޯދާފައިވާއިރު މެޓާއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ ވީޑިއޯ އުފެއްދި އެކައުންޓުގެ ޔޫއާރްއެލް އައިޑީގެ މަޢުލޫމާތު ހޯދައިދިނުމަށެވެ.

ރަޝްމިކާ ސައުތު އެކްޓަރު އައްލޫ އަރުޖުން އާއެކު ފިލްމު "ޕުޝްޕާ"ގެ މަންޒަރެއްގައި

އާޓިފިޝަލް އިންޓެލިޖެންސް (އޭއައިއީ)ގެ އެހީގައި އުފައްދާފައިވާ ކަމަށް ބެލެވޭ ރަޝްމިކާގެ މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލް ވުމާއެކެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން މިކަމާ ގުޅޭގޮތުން ވަނީ ފާޅުކޮށްފައެވެ.

އޭގެތެރޭގައި ރަޝްމިކާއާ އެކު ފިލްމު "ގުޑް ބާއި"ގައި މަސައްކަތްކުރި އެކްޓަރު އަމީތާބް ބައްޗަން ވަނީ މި ޢަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި ވީޑިއޯގެ އަސްލު ވީޑިއޯއިން ފެންނަނީ އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ އިންޑިއާ ދަރިކޮޅުގެ އިންފްލުއެންސާއެއްގެ ޙަރަކާތް ތަކެކެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ، މިކަމުގެ ފަހަތުގައި ތިބި ފަރާތްތަކުގެ މަޢުލޫމާތު ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށާ ބަތަލާ ރަޝްމިކާއަށް އިންސާފު ހޯދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިއްލީ ފުލުހުންގެ ސްޕެޝަލް ސެލްގެ އިންޓެލިޖެންސް ފިއުޝަން އެންޑް ސްޓްރެޓެޖިކް އޮޕަރޭޝަންސްއިން ބަތަލާއަށް ދޭކަމަށެވެ.