12 Nov 2023, 08:54
ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި ވެސް ފައިތިލަ ސާބިތުކޮށްފައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަކީ، ކުޑައިރު ޕޯސްޓު-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ތަޖުރިބާކޮށްފައިވާ ފަރާތެއް ކަމަށް ބަތަލާގެ މަންމަ މަދޫ ޗޯޕްޅާ ބުނެފިއެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޕްރިޔަންކާގެ މަންމަ ވަނީ ބަތަލާގެ ކުޑައިރުގެ ހަނދާންތަކާއެކު ދަރިފުޅާ އޮންނަ ހާއްސަ ގުޅުމުގެ ގިނަ ވާހަކަތަކެއް ކިޔައިދީފައެވެ.
ޕްރިޔަންކާ އަކީ އަބަދުވެސް އަންހެނުން ބާރުވެރި ކުރުވުމަށް ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދޭ ފަރާތެއް ކަމަށާއި އެކަން މަދޫއަށް ވަރަށް ގާތުން ފެނިފައިވާ ކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.
ކުރިއާ އަޅާ ބަލާއިރު ޒަމާނަށް އައިސްފައިވާ ތަރައްޤީއާއެކު ވަކި މީހަކަށް ބަރޯސާވެގެން ދިރިއުޅުން ކުރިޔަށް ގެންދިޔުން ލާޒިމު ނޫންކަމަށާއި ކޮންމެ އަންހެނަކީ ވެސް ފައިސާގެ ތަނަވަސްކަން ހޯދިދާނެ މީހެއްކަން އަބަދުވެސް ޕްރިޔަންކާއަށް ވިސްނައިދީފައިވާނެ ކަމަށް މަދޫ ވަނީ ބުނެފައެވެ.
ޕްރިޔަންކާ އަކީ ކުޑައިރުއްސުރެވެސް އަބަދުވެސް މައިންބަފައިންގެ ބަސް ޤަބޫލުކުރާ ފަރާތެއްކަމަށާއި މިއަދު ދަރިފުޅު ހުރި މަޤާމާ މެދު ބަތަލާގެ މަންމައެއްގެ ހައިސިއްޔަތުން ދަރިފުޅާ މެދު ފަޚުރުވެރިވާ ކަމަށް މަދޫ ވަނީ ބުނެފައެވެ.

ޕްރިޔަންކާ އާއި ނިކް ޖޯނަސް އިންޑިއާގައި ބޭއްވި ކައިވެނީގެ ރިސެޕްޝަން ހަފްލާގެތެރެއިން
މި އަހަރު ރިލީޒްވި ހޮލީވުޑް ފިލްމު "ލަވް އަގެއިން"ގެ ބަތަލާއަށް ކުޑައިރު ޕީޓީއެސްޑީ ޓްރޯމާއެއް ތަޖުރިބާ ކުރެވިފައިވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި އޭގެ ސަބަބަކީ ޕްރިޔަންކާގެ ބައްޕަގެ އާއިލާ އެންމެންގެ ވެސް ކުލަ އަލިވުން ކަމަށް މަދޫ ވަނީ ބުނެފައެވެ.
ޕްރިޔަންކާގެ ބައްޕަ އަޝޯކް ޗޯޕްރާ ނޫން އެ އާއިލާގެ ހުރިހާ މެމްބަރުންގެ ވެސް ހަމުގެ ކުލަ އަލިވުމުން އެކަމާ ޕްރިޔަންކާއަށް ތަންކޮޅެއް އުނދަގޫ އިހުސާސްތަކެއް ކުރެވިފައިވާނެ ކަމަށް މަދޫ ވަނީ ބުނެފައެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން އާއިލާގެ އެއްވެސް މެމްބަރަކު ޕްރިޔަންކާ އެހެން މެމްބަރުންނާ ތަފާތު ނުކުރާ ކަމަށާއި ހުރި ހަމައެކަނި އަންހެން ދަރިފުޅަކީ މަދޫއަށް މި ދުނިޔެމަތީގައި ހުރި އެންމެ ރީތި ކުއްޖާ ކަމަށް ވަނީ ބުނެފައެވެ.
ޕްރިޔަންކާ އެކި ފަހަރުމަތިން މީޑިއާތަކަށް ދީފައިވާ ވަރަށް ގިނަ އިންޓަވިއުތަކުގައި އެމެރިކާގައި ކިޔަވަން ހުރި ދުވަސްވަރު ބުލީގެ ޝިކާރައަކަށްވި ކަމުގެ ވާހަކަތައް ހިއްސާކޮށްފައިވެއެވެ. މިކަމާ ގުޅިގެން މަދޫ ޗޯޕްޅާ ބުނީ، ދަރިފުޅަށް ދިމާވި އެފަދަ ކޮންމެ ގޮންޖެހުމަކާވެސް މިހާތަނަށް ކުރިމަތިލާފައި ވަނީ ވަރަށް ކެރިގެން ކަމަށާއި އެއިން އެއްވެސް މައުޟޫއަކަށް ވާހަކަ ދައްކަން ދަރިފުޅު ޖެހިލުން ނުވާކަމަށެވެ.

ބަތަލާ ޕްރިޔަންކާ މަންމަ މަދޫ ޗޯޕްޅާ އަދި ބައްޕަ އަޝޯކް ޗޯޕްޅާއާއެކު
ޕްރިޔަންކާ އަކީ ކުޑައިރުއްސުރެވެސް ބަތަލާގެ ބައްޕައާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށާއި އެހެން އެކަން ދިމާވީ މަދޫ ވަޒީފާގެ މަސްޢޫލިއްޔަތުތަކުގައި މާ ބުރަކޮށް އުޅެ އެކި ޤައުމުތަކަށް ދަތުރުކުރަން ޖެހުމުންކަމަށް ވަނީ ބުނެފައެވެ. އެހެންވެ މާމަ ދަރިފުޅު މާލްތީއަށް އެ އިހުސާސްވިޔަ ނުދިނުމަށް މާމައެއްގެ ހައިސިއްޔަތުން އޭނާ މަސައްކަތްކުރާ ކަމަށް ވަނީ ބުނެފައެވެ. ޕްރިޔަންކާގެ މަންމައާއި ބައްޕައަކީ ވެސް އަސްކަރީ ސިއްޙީ ކޭމްޕްތަކުގައި މަސައްކަތްކުރި ވަރަށް މަތީ ފެންވަރުގެ ދެ ޑޮކްޓަރުންނެވެ.