ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު, 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމަނިކުފާނު ދުބާއީއަށް ފުރާވަޑައިގަތީ، ލަންޑަނުގެ ހެންލީ އެންޑް ޕާޓްނާސް ކޮންސަލްޓަންސީއިން ބޭއްވި ކޮންފަރެންސްގައި ތަގުރީރުކުރެއްވުމަށެވެ.

ނަޝީދު އެނބުރި ވަޑައިގެންނެވިއިރު ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ވަނީ ހަވަނަ ފަހަރަށް މާދަމާއަށް އެޖެންޑާކޮށްފައެވެ.

މިދިޔަ ހަފުތާއާއި އޭގެ ކުރީ ހަފުތާގައި ވެސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރިއެވެ. ނަމަވެސް އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ވިދާޅުވާތީ އެ ދުވަސްތަކުގައި މަޖިލިސް ކުރިއަށް ނުގެންދެވެއެވެ.

އޭގެ ފަހުން، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސަލާން ފޮނުއްވައި އީވާ ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރަންދެން، ނަޝީދުގެ މައްސަލަ ތާވަލުނުކުރެވި، މަޖިލީސް އޮތީ ހުއްޓިފައެވެ.

އިތުބާރުގެ ގަރާރުގެ މަސައްކަތް ހުއްޓުވާ ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން އިއްވި ހުކުމުގައި ވަނީ، އީވާ ހާޒިރުވެވަޑައިނުގަތަސް ގަރާރުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ގަރާރުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ހުއްޓުވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.

އެ ހުކުމާ ގުޅިގެން ނަޝީދު ވަނީ، ގަރާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ގަރާރުގެ މަސައްކަތް ފަސް ދުވަހަށް ހުއްޓުވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވާ ކުރައްވަން ދެން ވެސް ހިފެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.