ރާއްޖެއަށް އޮކްޓޯބަރު މަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް މިއަހަރުގެ އޮކްޓޯބަރު މަސް ވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައީ 153,737 ފަތުރުވެރިންނެވެ. އެއާ އަޅާބަލާއިރު މިދިޔަ މަހު 159,141 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެއީ 3.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ރެކޯޑެއް ގާއިމުކުރެވުނުކަން އިއުލާން ކުރަމުން އެ އަހަރުގެ ނޮވެމްބަރު މަހު ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ، އޮކްޓޯބަރު މަހު ފަތުރުވެރިން އައި އަދަދަކީ 2019 އާއި 2021 ވަނަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު އަށް ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ.

މިމަހުގެ އަށް ވަނަ ދުވަހާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދަށް ވުރެ 12.8 ޕަސެންޓު އިތުރުވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1.38 މިލިއަން ފަތުރުވެރިން ކަމަށްވާއިރު މިއަހަރު އެ އަދަދު ވަނީ 1.56 މިލިއަން ހުރަސްކޮށްފައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު އަންނަނީ ރަޝިއާއިންނެވެ. އެގައުމުން 180،001 ފަތުރުވެރިން އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެ މަގާމުގައި އޮތް އިންޑިއާއިން ޒިޔާރަތްކޮށްފައި ވަނީ 168،070 ފަތުރުވެރިންނެވެ.

ދެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ޗައިނާ - 166,437

  • އިނގިރޭސިވިލާތް - 126,759
  • ޖަރުމަނު - 111,817
  • އިޓަލީ - 92,616
  • އެމެރިކާ - 60,871
  • ފްރާންސް - 41,763
  • ސްޕެއިން - 33,578
  • ސްވިޒަލެންޑް - 30,738

ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު ފުރަތަމަ ކަނޑައެޅި އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ. ނަމަވެސް ރިޔާސީ ކެމްޕޭން ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެ އަދަދު 1.9 މިލިއަނަށް މަތިކުރައްވާފައެވެ.