އަތުންނާއި އިނގިލިތަކުން ކަށިގޮށްވުމަކީ ކޮންމެ މީހަކު ވެސް ކޮންމެވެސް ވަރަކަށް ކުރާ ކަމެކެވެ. ކުޑައިރު އަބަދުވެސް އިވޭ ވާހަކައަކީ މިއީ ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައެވެ. އަދި މީގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް މިއީ ތެދެއް ނޫން ކަން އެނގިއްޖެއެވެ.

ޕިއާ ރިވިކޮށް އާންމުކުރާ، އާތިރައިޓިސް އެންޑް ރޫމެޓިޒަމް ޖާނަލްއަށް އާންމުކުރި ރިޕޯޓެއްގައި ދާދި ފަހުން ހާމަވެފައިވަނީ ކަށި ގޮއްވުމުގެ ސަބަބުން ވެސް އަތުގެ ކަށިތަކާއި އިނގިލިތަކަށް ބަދަލެއް އަންނަ ކަން ފާހަގަވެފައި ނުވާ ކަމަށެވެ.

ޑޮނާލްޑް އަންގާ ނަމަކަށް ކިޔާ މީހަކު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ އޭނާގެ ހަޔާތުގެ 50 އަހަރު ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު އިނގިލިތަކުން ކަށި ގޮއްވި ކަމަށެވެ. ނަމަވެސް އޭނާ ކަށި ގޮއްވުމަށް ބޭނުންކުރަނީ ހަމައެކަނި ކަނާއަތް ކަމަށް ރިޕޯޓުގައި ފާހަގަކުރެއެވެ.

އެންމެފަހުން 50 އަހަރު ފަހުން ވެސް ދެ އަތުގައި އެއްވެސް ތަފާތެއް ނެތް ކަމަށާއި ކަށި ގޮއްވި އަތުގައި ވެސް އާތުރައިޓިސް ކަހަލަ ހާލަތެއް އުފެދިފައި ނުވާ ކަމަށް ބުނެއެވެ.

ހައިދުރަބާދުގެ ޔޮޝީދާ ހޮސްޕިޓަލުގެ ރޮބޯޓިކް އެންޑް ނެވިގޭޝަން ސާޖަން އަދި އޯތޮޕީޑިކް ސާޖަން ޑރ. ވެނުތުރުލާ ރާމް މޯހަން ފާހަގަކުރާ ގޮތުގައި ކަށި ގޮއްވުމަކީ އެއްބައި މީހުންނަށް ކޮންޓްރޯލުން ބޭރުންވެސް ކުރެވޭ ކަމެއް ކަމަށެވެ. އަދި ކަށި ގޮއްވުމުގެ ސަބަބުން އެމީހުންނަށް ހިތްހަމަ ޖެހުން ލިބޭ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނާގޮތުގައި ކަށިގޮއްވުމާ ގުޅޭ ގޮތުން އާންމުކޮށް މީހުން ވާހަކަ ދައްކާއިރު އިޝާރާތް ކުރަނީ 1990 ވަނަ އަހަރުގައި އާންމުކުރި ދިރާސާއެކެވެ. މި ދިރާސާގައި ބުނަނީ ކަށި ގޮއްވުމާއި އަތުގެ ބާރު ކެނޑުމާ ގުޅުން ހުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ތަފާތު ދިރާސާތައް ހަދާފައިވާއިރު މިއީ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށް ދިރާސާތަކުން ސާބިތު ކޮށްދެއެވެ.

އެހެންވީމާ ކަށި ގޮއްވާއިރު އެކަމާ ކަންބޮޑުވާ މީހުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. މީގެ ސަބަބުން އަތުގެ ބާރު ކެނޑުން ނުވަތަ އާތުރައިޓިސް އަށް މަގުފަހި ވެދާނެ ކަމަކަށް ނުބެލެވެއެވެ.