މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ޖިމްނާސްޓިކް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ޒުވާން އުމުރު ފުރައިގެ ކުދިންނަށް ކަސްރަތުގެ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އާޓިފިޝިއަލް ބީޗުގައި މިއަދު ފެށި މި ޕްރޮގްރާމު އަމާޒުކޮށްފައި ވަނީ ސްކޫލް ނިމި، ވަޒީފާއެއް ނުފެށި ތިބި ޒުވާނުންނަށާއި އެކިއެކި ސަބަބުތަކާ ހެދި ސްކޫލް ދައުރު ފުރިހަމަ ނުކޮށް ތިބި ޒުވާން ފުރައިގެ ކުދިވެރިންނަށެވެ.

ކަސްރަތުގެ ހުނަރުގެ ތެރެއިން ކުށްމަދުކުރުމަށް ބާރުއެޅުމުގެ ބޭނުމުގައި ކުރިއަށް ގެންދާ މިޕްރޮގްރާމުގައި “ޓްރެމްޕޮލިން ޖަމްޕްސް” ބުރުއެޅުމުގެ ހުނަރު ދަސްކޮށްދިނުމާއި އެހެނިހެން ކުޅިވަރަށް ބޭނުންތެރި ތަފާތު ހުނަރުތައް ދަސްކޮށްދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ކޮންމެ ހަފުތާ އަކު ހަތަރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަ މަސް ދުވަހުގެ އެ ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ޖިމްނާސްޓިކް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ.

އެ ޕްރޮގްރާމުގެ ސަބަބުން ޒުވާނުން އުމުރުގެ ކުދިންނަށް ހުސްވަގުތު ބޭކާރު ގޮތުގައި ހޭދަކުރުމުގެ ބަދަލުގައި މުޖުތަމަޢަށް ބޭނުންތެރި ކަމެއްގައި ޝާމިލުވެ އުޅުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. އަދި މިޕްރޮގްރާމުގެ ތެރެއިން ކުށް މަދުކުރުމަށް މަސައްކަތް ކުރުމަށް ހިތްވަރުދިނުމާއި އަޚްލާގު ރަނގަޅު ކުދި ބަޔަކަށް އެ ކުދިން ހެދުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.