12 Nov 2023, 09:05
ޗައިނާގެ އެއާލައިނެއްގެ މޯބައިލް އެޕަށް ދިމާވި މައްސަލައެއްގައި ފްލައިޓު ދަތުރުތަކުގެ އަގު އެއް ޑޮލަރާ ގާތް ކުރާ އަދަދަށް ތިރިވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިދިޔަ ހަފުތާގެ ބުދަ ދުވަހުގައި ޗައިނާގެ އެއާލައިނެއް ކަމަށްވާ ޗައިނާ ސަދަން އެއާލައިންސްގެ މޯބައިލް އެޕަށް ވަނީ ދެ ގަޑިއިރުގެ ބޮޑު ގްލިޗެއް އައިސްފައެވެ. އެ ގްލިޗާ އެކު ފްލައިޓްތަކުގެ ޓިކެޓުތަކުގެ އަގުތައް ވަނީ 1.3 ޑޮލަރާއި 4.12 ޑޮލަރާ ދެމެދުގެ އަދަދަކަށް ތިރިވެފައެވެ. މިހެން ދިމާ ވެފައިވަނީ ޓިކެޓުގެ އަގުގެ ސުމެއް ހިމެނޭ މިންވަރު މަދުވުމާ ގުޅިގެންނެވެ.
މި އެއާލައިން ޗެންގްޑޫއަށް ދަތުރުކުރާ ގިނަ ބައެއް ވަނީ އެ މުއްދަތުގައި ޓިކެޓު ނަގާފައެވެ. އަދި އެ ޓިކެޓު ވަނީ އެ މީހުންނަށް އެ ވަގުތު ކަށަވަރު ވެސް ވެފައެވެ.
މިކަމާ ގުޅިގެން އެއާލައިނުން ވަނީ ރަސްމީ ބަޔާނެއް ވެސް ނެރެފައެވެ. އެގޮތުން އެއާލައިނުން ބުނެފައިވަނީ ޓިކެޓު ނެގި ހުރިހާ އެންމެނަށް އެ ޓިކެޓު ނެގި އަގުގައި ޓިކެޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އާންމުކޮށް މި ޓިކެޓުތަކަކީ 55 ޑޮލަރާއި 69 ޑޮލަރާ ދެމެދުގައި ވިއްކާ ޓިކެޓުތަކެކެވެ. ނަމަވެސް މިފަހަރު ކުންފުނީގެ އެޕުގެ މައްސަލައަކުން ދިމާވި މި ހާލަތާ ގުޅިގެން އާންމުން މިހާރު ދައްކާފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ނުނެގުމަށް ނިންމާފައިވާ ކަމަށް ޗައިނާ ސަދަން އެއާލައިންސް އިން ބުނެއެވެ.
ޓިކެޓަށް އިތުރު ފައިސާއެއް ނަގާފައި ނުވި ނަމަވެސް އެއާޕޯޓަށް އިތުރު ފައިސާ ދައްކަން ޖެހިދާނެ ކަމަށް އެ ބަޔާނުގައި ބުނެއެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި ކަސްޓަމަރުން ވަނީ 15 ޑޮލަރާ ހަމައަށް ފީއެއް މި ހާލަތާ ގުޅިގެން ދައްކަން ޖެހިފައެވެ. މި ފީއަކީ އެއާޕޯޓު ފީ އާއި ފިއުލް ސާ ޗާޖެސްގެ ގޮތުގައި ނަގާފައިވާ ފީއެވެ.