ބިދޭސީ މީހަކު ރަހީނުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އުމުރުން 37 އަހަރުގެ މުޙައްމަދު އާރިފް ހޮސައިނަށް މި މައްސަލައިގައި ފުރަތަމަ ބަންދުގެ މުއްދަތު ޖެހީ މިދިޔަ މަހުގެ 27ގައެވެ. އެއީ 15 ދުވަހަށެވެ.

އޭގެ ފަހުން މިއަދު އޭނާ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ، މީހަކު ރަހީނުކުރުމުގެ ތުހުމަތެއް ވުޖޫދުވާ ވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ނިންމާފައެވެ. އެގޮތުން ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުންނާއި އޭނާ ހައްޔަރުކުރި ތަނުން ނަގައިފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް، އެ މީހާއަށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އަދި ކުށުގެ އަމަލު ހިންގުމުގައި އިތުރު ބަޔަކާއެކު އާރިފް ބައިވެރިވެފައިވާ ކަމަށާއި އަނިޔާވެރި އަމަލުތަކެއް ކަމަށް ބެލެވޭ ކަންތައްތަކެއް އަނިޔާ ލިބުނު މީހާއާމެދު އޭނާ ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އެ އަމުރުގައިވެއެވެ.

އެހެންވެ، އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނަ ކަމަށާއި އޭނާއަކީ ގަވާއިދާ ޚިލާފަށް އުޅޭ މީހެއް ކަމަށްވާތީ ފިލައިގެން ދިޔުމުގެ ފުރުސަތު ވެސް އޮތް ކަމަށް ކޯޓު އަމުރުގައިވެއެވެ.

ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު އަމިއްލައަށް ސަލާމަތްވި މައްސަލައެއް މިދިޔަ މަހު އަށްވަނަ ދުވަހު ފެންމަތިވިއެވެ. އެ މީހާ ރަހީނުކޮށް، ފައިސާ ފޭރުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ވެސް ފެށިއެވެ.

އެކަމަކު، މިއަދު ބަންދުގެ މުއްދަތު ޖެހި މީހާއަކީ މި މައްސަލައިގައި ހިމެނޭ މީހެއް ނުވަތަ ނޫން ކަމެއް މިހާތަނަށް ޔަގީންވެފައެއް ނުވެއެވެ.