ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި މީހުންނާއި ހޮސްޕިޓަލްތަކަށް އެހީ ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން މަސައްކަތް ކުރަމުންދާ ކަމަށާއި އަދިވެސް ހުއްދަ ނުލިބުމުގެ ސަބަބުން އެހީ ފޯރުކޮށްނުދެވޭ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖާރީމާތަކުގައި އެތައް ހާސް ބަޔަކު ހާލުގައި ޖެހި އެތައް ހޮސްޕިޓަލްތަކެއް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ރާއްޖެއިން ޣައްޒާއަށް އެހީތެރިވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާ ކަމަށްވާ އައިއޭސީގެ ފަރާތުން މިވަގުތު މިސްރުގައި ތިބި ޓީމުން އަންނަނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

'ސަން'އާ ވާހަކަދައްކަވަމުން އައިއޭސީގެ ޑިރެކްޓާ އޮފް މީޑިއާ އެންޑު ޕަބްލިކް ރިލޭޝަންސް، އަޒްހަދު އަހުމަދު ވިދާޅުވީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ހުއްދަ ލިބުނު މަދު އެންޖީއޯތަކުގެ ތެރޭގައި އައިއޭސީ ހިމެނޭ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް، ޣައްޒާގެ އެތެރެއަށް ވަދެ އެހީ ފޯރުކޮށްދިނުމަށް ހުއްދަ ނުލިބޭ ކަމަށް އަޒްހަދު ވިދާޅުވިއެވެ.

އައިއޭސީން ޢައްޒާއަށް ވެއްދުމަށް ތައްޔާރުކޮށްފައިވާ އެހީގެ ތަކެތި-- ފޮޓޯ/ އައިއޭސީ

"އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އެހީ ހިފައިގެން ވަދެވޭތޯ. އެހެންނަމަވެސް އެހީ ހިފައިގެން ވަދެވޭގޮތަކަށް ނޫން އަދި އޮތީކީ. ނަމަވެސް މަސައްކަތް ކުރަމުން މިދަނީ އެހީގެ ތަކެތި ހިފައިގެން ދެވެން އޮތް އެންމެ ކައިރިއަކަށް ދެވޭތޯ،" އަޒްހަދު ވިދާޅުވިއެވެ.

"އަދި އަހަރެމެންނަކަށް ޔަގީންކޮށް ބުނެލާކަށް ނޭނގޭ ކިހާ ހިސާބެއް ކަމެއް އެއީކީވެސް. އެތެރެއަކަށް އަޅުގަނޑުމެން ނުވަންނާނަން އެހީ ހިފައިގެނެއް ކޮންމެ ގޮތެއް ވިޔަސް އެ ހުއްދަތަކެއް އަޅުގަނޑުމެންނަކަށް ނުލިބޭ ހިނދު."

އައިއޭސީން ބުނި ގޮތުގައި އެޖަމިއްޔާގެ އެހީގެ ގާފިލާގައި އެއްލައްކަ ޑޮލަރުގެ ސާމާނު ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ އަސާސީ ތަކެތި ހިމެނޭނެ ކަމަށް ވެސް އައިއޭސީން ބުންޏެވެ.

އެގޮތުން ބޭސްފަރުވާއަށް ބޭނުންވާ ތަކެއްޗާއި، ހޭނައްތައިގެން ކުރާ އޮޕަރޭޝަން ކުރުމަށް ބޭނުންވާ ސާމާނާއި، ބަލި މީހުން އުފުލަން ބޭނުންވާ ތަކެތީގެ ގޮތުގައި ފުރޮޅުލީ ގޮނޑިއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިނގަން ބޭނުންކުރާ ތަކެތި ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މީގެ އިތުރުން ކުޑަކުދިންގެ ނެޕީއާއި ފެން ފޯރުކޮށްދިނުމަށް ވެސް މަސައްކަތްކުރަމުންދާ ކަމަށް އައިއޭސީން ބުންޏެވެ.

"ޣައްޒާގެ ހާލަތު އަދިވެސް އޮތީ ވަރަށް ގޯސްކޮށް. ހަމަ އެއްވެސް އިމްޕްރޫވްމަންޓެއް އެކޮޅަށް ނެތް. ހަމަލާތައް ދަނީ ބަދަލުކުރަމުން،" އައިއޭސީން ބުންޏެވެ.

ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް އައިއޭސީގެ ފަންޑަށް އަދިވެސް ފައިސާ ފޮނުވޭނެއެވެ. މި ފަންޑަށް އެހީވާން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ އައިއޭސީގެ ބީއެމްއެލް އިސްލާމިކް އެކައުންޓު، 7770000062741 އަށެވެ.

ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖާރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 11،000ށް ވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި 4،300 އަށްވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު، ޒަޚަމުކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 24,000އަށް އަރާފައެވެ.