11 Nov 2023, 20:42
މިއަދުގެ ވަގުތެއްގައި ކަރަންޓު ގޮސްފައިވާ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ހޮސްޕިޓަލްގެ ކެއާ ވޯޑުގައި ތިބި 39 ކުއްޖަކު މަރާ ހަނގުރާމަ ކުރަމުންދާ ކަމަށް ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ހޮސްޕިޓަލްތަކަށް އަމާޒުކޮށްފައިވާއިރު، އިއްޔެ ހަވީރުއްސުރެ ޝިފާ ހޮސްޕިޓަލަށް އަންނަނީ ހަމަލާ ދެމުންނެވެ. އިސްރާއީލްގެ އަސްކަރިއްޔާއިން ރެއާއި ދަންވަރު މުޅިންހެން ބޮން އަޅާފައި ވަނީ ވެސް ޝިފާ ހޮސްޕިޓަލްގެ ކައިރިއަށާއި ގޯތިތެރޭގެ އެކި ސަރަހައްދުތަކަށެވެ. އަދި އިސްރާއީލް ސިފައިން މިއަދު ވަނީ ޝިފާ ހޮސްޕިޓަލްގެ ސާޖަރީ ޔުނިޓަށާއި އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އަށް ވެސް ހަމަލާތަކެއް ދީފައެވެ.
ތިރީސް ނުވަ ކުއްޖަކު މަރާ ހަނގުރާމަ ކުރަމުންދާއިރު، އޮކްސިޖަން ނުލިބުމުގެ ސަބަބުން އެއް ކުއްޖަކު މަރުވެފައިވާ ކަމަށް ސިއްހީ ވުޒާރާގެ މީޑިއާ މެނޭޖަރު މުހައްމަދު އަލަވައުދާއާ ހަވާލާދީ އަނަދޮލް ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
ޝިފާ ހޮސްޕިޓަލްގެ ޑައިރެކްޓަރު މުހައްމަދު އަބޫ ސަލަމިޔާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމީހުން ހޮސްޕިޓަލް ތެރޭގައި ތިބީ ކޮންމެ ވަގުތެއްގައި ވެސް މަރުވެދާނެ ކަމުގެ ބިރުވެރިކަމުގައެވެ. ހޮސްޕިޓަލްގެ ތެރޭގައި ތިބެން ޖެހެނީ ގުޑާ ވެސް ނުލައި ކަމަށާއި ކޮޅަކަށް ޖެހިލި ނަމަވެސް އެމީހަކަށް ހަމަލާދޭ ކަމަށް ސަލަމިޔާ ވިދާޅުވިއެވެ.
ޝިފާ ހޮސްޕިޓަލްގައި ހުރި ސިއްހަތާބެހޭ ވަޒީރުގެ ނާއިބު ޑރ. ޔޫސުފް އަބޫ އަލްރީޝް ވިދާޅުވީ ތެޔޮ ނުލިބުމުގެ ސަބަބުން ހޮސްޕިޓަލްގައި ހުރި ހުރިހާ ޖަނަރޭޓަރުތައް ނިވި ހޮސްޕިޓަލުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ހޮސްޕިޓަލްގެ ސާޖަރީ ޔުނިޓަށް ބޮން އަޅާފައިވާ ކަމަށްވެސް ޔޫސުފް ވިދާޅުވިއެވެ.
ފަލަސްތީނުގެ ސިއްހަތާބެހޭ ވަޒީރު މިއާ އަލް ކައިލާ ވިދާޅުވި ގޮތުގައި ތެލާއި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ ބަދަލުގައި ހޮސްޕިޓަލްތައް ވަށާވާލާފައި ވަނީ ޓޭންކްތަކުންނެވެ.
ތެޔޮ ނުލިބުމުގެ ސަބަބުން ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލްގެ ތެރެއިން 20 ހޮސްޕިޓަލެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށްވެސް ކައިލާ ފާހަގަކުރެއްވިއެވެ.
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 11،000އަށްވުރެ ގިނަ މީހުން ޝަހިދުކޮށްލާފައިވާއިރު، 27،000އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލައިފައެވެ.
ޣައްޒާ އެއްކޮށް ބަންދުކޮށް ފެނާއި ކާނާވެސް ނުލިބުމުގެ ސަބަބުން މުޅި ޣައްޒާވަނީ ބަނޑުހައިހޫނުކަންމަތީގައެވެ. ފެނާއި ކާނާ ކޮންމެވެސް ވަރަކަށް ޣައްޒާ ތެރެއަށް ވެއްދުނު ނަމަވެސް ޣައްޒާއަށް ތެޔޮ ވެއްދުން އިސްރާއިލުން އޮތީ މަނާކޮށްފައެވެ.