11 Nov 2023, 23:25
ފަލަސްތީނުގެ ޣައްޒާގެ ނަސްލު ނައްތާލުމަށް އިސްރާއީލުން މަސައްކަތްކުރާ މައްސަލައިގައި ފަލަސްތީނުގެ ހައްގުތަކާ ބެހޭ ތިން ޖަމިއްޔާއަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގައި ދައުވާކޮށްފިއެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލާ ދެކޮޅަށް މައްސަލަ އައިސީސީއަށް ހުށަހަޅާފައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކެއް ކަމަށްވާ އަލްހަކް، އަލް މެޒާން އަދި ފަލަސްތީނުގެ ސެންޓާ ފޯ ހިއުމަން ރައިޓްސް އިން ބުދަ ދުވަހުއެވެ. އެ ދައުވާގައި ބުނެފައި ވަނީ ޣައްޒާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އިސްރާއީލުން ދޭ ވައިގެ ހަމަލާތަކުގައި 11،000އަށް ވުރެ ގިނަ ފަލަސްތީނު މުސްލިމުން ޝަހީދުކޮށްލާފައިވާ މައްސަލައަށް އަވަސް ސަމާލުކަމެއް ދިނުމަށެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށް ދައުވާގައި ބުނެފައިވާއިރު، އެ ޖަރީމާތަކުގެ ތަހުގީގު ފުޅާކުރުމަށް އެ ޖަމާއަތްތަކުން އެދިފައިވެއެވެ.
ދައުވާކޮށްފައިވާ ތިން ޖަމިއްޔާއިން ބޭނުންވަނީ އިސްރާއީލުގެ ރައީސް އިއްސާގް ހާޒޮގް އާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ޚާރިޖީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރުމަށެވެ.
އައިސީސީގެ އޮފީސް އޮފް ދަ ޕްރޮސެކިއުޓާ (އޯޓީޕީ)އިން ފަލަސްތީނުގެ ހާލަތުގެ ތަހުގީގެއް 2021 ވަނަ އަހަރު ވަނަ އަހަރުވެސް ވަނީ ހިންގާފައެވެ.
ނަމަވެސް އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އައިސީސީއިން މިހާތަނަށްވެސް އެއްޗެއް ބުނެފައިނުވާތީ، ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި އެކްޓިވިސްޓުން ވަނީ އައިސީސީއަށް ފާޑުކިޔާފައެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޑިފެންސް މިނިސްޓަރު (ކ) އަދި ރައީސް (ވ) --
އައިސީސީއަށް މި މައްސަލަ ބުދަ ދުވަހު ހުށަހަޅާފައިވާއިރު، މިއީ ޣައްޒާ ހަނގުރާމައިގެ މައްސަލައިގައި އިސްރާއީލާ ދެކޮޅަށް އައިސީސީއަށް މައްސަލަ ހުށަހެޅި ފުރަތަމަ ފަހަރެއް ނޫނެވެ. އޮކްޓޯބަރު 31 ވަނަ ދުވަހު ރިޕޯޓަސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިންވެސް ވަނީ ޣައްޒާގައި ނޫސްވެރިންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކޮށްދިނުމަށް އެދި އައިސީސީއަށް މައްސަލަ ހުށަހަޅާފައެވެ.
ރޯމް މުއާހަދާގެ ދަށުން 2002 ވަނަ އަހަރު އުފައްދާފައިވާ އައިސީސީ އަކީ ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި، ނަސްލު ނައްތާލުމާއި، އުދުވާނީ ޖަރީމާތައް ތަހުގީގުކޮށް ދައުވާކުރުމުގެ ބާރު ލިބިފައިވާ މިނިވަން ޝަރުއީ މުއައްސަސާއެކެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ގާއިމުކޮށްފައިވާ ދާއިމީ ކޯޓެއް ނަމަވެސް އެ ކޯޓުގެ އިންސާފުވެރިކަމާމެދު ފުރަތަމަ ދުވަހުން ފެށިގެންވެސް ވަނީ ސުވާލުއުފެދިފައެވެ.
އައިސީސީ އުފައްދަން ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި އެމެރިކާއާއި އިސްރާއިލުވެސް ހިމެނެއެވެ. އެ ކޯޓަށް އެމެރިކާ މީހަކު ނުގެންދެވޭނެ ކަމަށް ބުނެ އެމެރިކާއިން ވަނީ ގާނޫނެއްވެސް އުފައްދާފައެވެ. އެމެރިކާގެ އެންމެ ގާތް މިތުރު، އިސްރާއީލުން ވަނީ އެ ކޯޓަކީ ބޮޑު ޖޯކެއް ގޮތަށްވެސް ސިފަކޮށްފައެވެ.
އައިސީސީގެ 20 އަހަރުވީ ތާރީޚުގައި މިހާތަނަށް ގައުމެއްގެ ވެރިއެއްގެ މައްޗަށް ތަހުގީގު ހިންގައި ކުށްވެރިވާކަމުގެ ހުކުމެއް ކޮށްފައެއްނެތެވެ. އައިސީސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 123 ގައުމު އޮވެއެވެ.