19 May 2012, 20:17
ހުއްދަ ނުހޯދާ މިސްކިތްތަކުގައި ދަރުސް ދެއްވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ދިނުމަށް މާލޭ ސިޓީ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މިސްކިތްތަކުގައި ދަރުސް ދެއްވަންޖެހޭނީ މިސްކިތްތައް ބަލަހައްޓާ ފަރާތް ކަމަށްވާ ސިޓީ ކައުންސިލުން ދޫކުރާ ފޯމެއް ފުރައި އެކަމަށް ހުއްދަ ހޯދައިގެން ކަމަށެވެ. އެހެން އޮތް ނަމަވެސް ފަހަކަށް އައިސް ބައެއް ފަރާތްތަކުން އެ ހުއްދަ ނުހޯދައި މިސްކިތްތަކުގައި ދަރުސް ބާއްވަމުން ގެންދާ ކަމަށެވެ.
ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނަނީ ހުއްދައާ ނުލައި މިސްކިތްތަކުގައި ދަރުސްތައް ކުރިޔަށް ގެންދިއުމަކީ އޭގެ ސަބަބުން އާންމު މަސްލަހަތު ގެއްލިދާނެ ކަމަކަށްވާތީ ސިޓީ ކައުންސިލުގެ ހުއްދަ ނުހޯދާ މިސްކިތްތަކުގައި ދަރުސްދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ފުލުހުންގެ އިދާރާއިން މިރޭ ބުނީ ފުލުހުންގެ މަރުކަޒު، ގަލޮޅުވިލީ ފުލުސް ކައިރީގައި ހުންނަ ފުރުގާނު މިސްކިތުގައިގައި ރޭ ދަރުސެއް ދެމުން ދަނިކޮށް ބަޔަކު އެއްވެ ހިންގި ހަމަނުޖެހުމާ ގުޅިގެން ސިޓީ ކައުންސިލުން ރޭ ވެސް ފުލުހުންގެ ކިބައިން އެގޮތަށް އެދިފައިވާ ކަމަށާއި މިއަދު ވެސް އެކަމަށް އެދި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުނީ އެކަން ބަލަމުން ގެންދާ ކަމަށެވެ.
ކައުންސިލުން ބުނީ ދީނީ އިލްމުވެރިން ނަމަވެސް އުސޫލާ ހިލާފަށް ހުއްދަ ނުހޯދާ މިސްކިތްތަކުގެ ސައުންޑާއި ކަރަންޓު ބޭނުން ކުރެއްވުމުން މުޖުތަމައުގައި މަގު ދައްކައި ދެއްވަން ތިއްބަވާ ދީނީ އިލްމުވެރިންގެ ފަރާތްޕުޅުން އެ ދައްކުވައި ދެނީ ވަރަށް ނުބައި މިސާލެއް ކަމަށެވެ.
"... މިގޮތަށް ކަންތައް ކުރެއްވުމުން މިސްކިތްތަކުގައި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަންތައްތައް ބެލެހެއްޓުމަށް ކައުންސިލަށް ދަތިތަކާ ކުރިމަތިވާނެ އެވެ. އަދި މިސްކިތުގެ ބޭނުމަށް ލާފައިވާ ކަރަންޓްފަދަ ވަސީލަތްތައް އާންމުން އެހެން ބޭނުންތަކަށް ބޭނުން ކުރުމުގެ ދޮރު ހުޅުވިގެންދާނެ އެވެ،" ބަޔާނުގައި ވެއެވެ.
އަދިވެސް ބުނެފައި ވެއެވެ: "މިސްކިތްތަކުގައި ދީނީ ދަރުސް ދެއްވުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެކިމަށް އެދިވަޑައިގަތުމުން މި އިދާރާއިން އެކަން ބެއްލެވުމަށްފަހު ހުއްދަ ދޫކުރަމުން ގެންދެވެ އެވެ. ވީމާ ހުއްދަ ނުހޯދާ މިސްކިތްކުގެ ސައުންޑާއި ކަރަންޓް ބޭނުން ކޮށްގެން މިސްކިތްތަކުގައި ދަރުސް ކުރިޔަށް ގެންދިއުމަކީ އެކަމުގެ ސަބަބުން އާންމު މައްސަލަހަތު ގެއްލިދާނެ ކަމެކެވެ،"
މި ބަޔާން ސިޓީ ކައުންސިލުން ނެރެފައިވާއިރު މާލޭ ހިޔާ ހުންނަ ކޮށީގައި ވަގުތީ ގޮތުން ގާއިމްކޮށްފައިވާ ފުރުގާނު މިސްކިތުގައި ރޭ ސައިހު އިލްޔާސް ހުސައިން ދަރުސެއް ދެއްވަނިކޮށް އެ ސަރަހައްދަށް ބަޔަކު އެއްވެ ކުރިމަތިލައި ވަނީ ހަމަނުޖެހުން ހިންގާފަ އެވެ. އަދި އިލްޔާސްގެ ދަރުސެއް އައްޑޫ ސިޓީގެ މިސްކިތެއްގައި ބާއްވަން އުޅުމުން ހަމަނުޖެހުންތައް ހިނގާނެ ކަމަށް ބުނެ އެ ކައުންސިލުން ވަނީ ހުއްދަ ނުދީފަ އެވެ.
މިރޭ ވެސް ފުރުގާނު މިސްކިތުގައި އިލްޔާސްގެ ދަރުސެއް ބާއްވަން ވަނީ ނިންމާފަ އެވެ.