11 Nov 2023, 17:27
ބޮގޮޓާ (11 ނޮވެންބަރު 2023): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ އެކާވީސްވަނަ ގަރުނުގައި ދުނިޔެދުށް އެންމެ ނުރައްކާތެރި އަދި އެންމެ އަނިޔާވެރި ގާތިލު ކަމަށާއި ނަތަންޔާހޫ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ލެޓިން އެމެރިކާގެ ގައުމެއްކަމަށްވާ ކޮލަންބިއާ އިން ބުނެފިއެވެ.
ކޮލަންބިއާގެ ރައީސް ގަސްޓާވޯ ޕިތުރޯ ވިދާޅުވީ އިސްރާއީލުގެ ސިފައިން ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާ އިސްރާއީލު ސިފައިން ކުރިޔަށް ގެންދަނީ ނަތަންޔާހޫގެ އަމުރަށް ކަމުގައެވެ. ނަތަންޔާހޫގެ އިތުރުން އޭނާގެ ވޯކެބިނެޓްގައި ހިމެނޭ އެހެން ފަރާތްތަކާއި ޣައްޒާގެ އާންމުން މެރުމުގައި ޝާމިލުވާ އިސްރާއީލުގެ ސިފައިންނާއި ކޮމާންޑަރުންވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމުގައެވެ.

މިކަމަށްޓަކައި ބައިނަލްއަގްވާމީ ގާނޫނާބެހޭ ތަޖުރިބާކާރުންގެ ޚާއްސަ ޓީމަކުން ނަތަންޔަހޫގެ މައްޗަށް ދައުވާ އުފުލޭނެ ގޮތްތައް ދިރާސާކޮށް އެކަމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ކޮލަންބިއާގެ ރައީސް ހާމަކުރެއްވިއެވެ. އިސްރާއީލުން ޣައްޒާގެ އާންމުން މަރަން ފެށުމާއެކު ކޮލަންބިއާއިންވަނީ އިސްރާއީލުގައި ހުންނަވާ އެގައުމުގެ ސަފީރު އަނބުރައި ގެނެސް އަދި ކޮލަންބިއާގައި ހުންނަ އިސްރާއީލުގެ ސަފީރު ކޮލަންބިއާއިން ބޭރުކޮށްލާފައެވެ. އަދި ކޮލަންބިއާގެ ރައީސް ގަސްޓާވޯ ޕިތުރޯ ވަނީ ނަތަންޔާހޫއަކީ މިޒަމާނުގެ ހިޓްލަރުކަމަށްވެސް ސިފަކުރައްވާފައެވެ.
އިސްރާއީލުންވަނީ ޣައްޒާގެ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކަށް ވަރުގަދަ ހަމަލާތަކެއްދީ ފަލަސްތީނުގެ 11 ހާހަށްވުރެ ގިނަ އާންމުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުކޮށް 40 ހާހަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
މިއީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އަމާޒުކޮށްގެން އިސްރާއީލު ހިންގަމުން ގެންދާ ޖެނޮސައިޑް އެއްކަމަށް އދ. އާ އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކުންވަނީ ބުނެފައެވެ.
ފަލަސްތީނު އާންމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ހިންގުމުގައި އިސްރާއީލަށް ފާޅުކަންބޮޑު ގޮތެއްގައި އެހީތެރިވަނީ އެމެރިކާއިންނެވެ. ދެން އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތާ އަދި ޔޫރަޕްގެ އިއްތިޙާދުންނެވެ.

އިސްރާއީލުން އަނިޔާކޮށް ޝަހީދު ކުރަމުން ގެންދާ ފަލަސްތީނުގެ ކުޑަކުދިން
ފަލަސްތީނުގެ ނަސްލު ނައްތާލުމުގައި އިސްރާއީލަށް ވާގިވެރިވާކަމުގެ ތުހުމަތާއެކު މިގައުމުތަކުގެ ވެރިންވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރެވެންޖެހޭނެކަމަށް ބައިނަލްއަގްވާމީ ގާނޫނާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ނަމަވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓާއި އެނޫންވެސް ބައިނަލްއަގްވާމީ މުއައްސަސާތަކަކީ ނަމުން މުސްތަގިއްލު ނަމަވެސް އަމަލީގޮތުން އެމެރިކާއާއި ޔޫރަޕްގެ ބާރާއި ނުފޫޒުގެ ދަށުގައިވާ މުއައްސަސާތައް ކަމަށްވާތީ އެމެރިކާއާއި ޔޫރަޕްގެ ވެރިން ބައިނަލްއަގްވާމީ ކޯޓަށް ހާޒިރު ކުރުމަކީ ގާތްގަނޑަކަށް މުސްތަހީލުކަމެއްކަމަށް ވަނީ ބެލެވިފައެވެ.
އަދި އެމެރިކާއާއި ޔޫރަޕުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށްވެސް ހިމާޔަތްދޭތީ އޭނާވެސް ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކުރުމަކީ ގާތްގަނޑަކަށް މުސްތަހީލުކަމެކެވެ.
ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުގައި ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް މިހާތަނަށް ޙާޒިރު ކުރެވިފައިވަނީ އާރެއް ބާރެއްނެތް އެފްރިކާގެ މަދުގައުމެއްގެ ކުރީގެ ރައީސުންނެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ހަނގުރާމަ ކުރުމުގެ ނަމުގައި އިސްރާއީލުން ބޮން އަޅަމުންގެންދަނީ އަދި އެއްގަމުންވެސް ހަމަލާތައް ދެމުންގެންދަނީ މައިގަނޑު ގޮތެއްގައި ޣައްޒާގެ ހޮސްޕިޓަލްތަކަށެވެ. ޣައްޒާގެ 20 ހޮސްޕިޓަލެއްވަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އެތަންތަން ހަލާކުވެ މުޅިން ހުއްޓުމަކަށް އައިސްފައެވެ.

ކޮލަންބިއާ ގެ ރައީސް
ޣައްޒާގައި މިހާރު މަސައްކަތްކުރާ މަދު ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ އައްޝިފާ ހޮސްޕިޓަލުގެ ކިޑްނީ އާބެހޭ ޑިޕާޓްމަންޓަށް އިސްރާއީލުގެ ފައިޓާޖެޓްތަކުން ދާދި ދެންމެއަކުވަނީ ބޮންއަޅާފައެވެ. މިހަމަލާއާއެކު އެތަނުންވަނީ ކަރަންޓް ކަނޑައިގެން ގޮސްފައެވެ. މީގެއިތުރުން ޣައްޒާގައިވާ ގުދްސު ހޮސްޕިޓަލުގެ އައިސީޔޫ އަށްވެސް މިއަދު ހެނދުނު އިސްރާއީލުގެ ޓޭންކްތަކުންވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި 30 އަށް ވުރެ ގިނަމީހުން ޝަހީދުވެ ސަތޭކައަށްވުރެ ގިނަމީހުންވަނީ ޒަޚަމްވެފައި ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.
އިސްރާއީލުގެ ގަދަ ފަދަ ޙަމަލާތައް ޣައްޒާގެ ހޮސްޕިޓަލްތަކަށް އަމާޒުކުރާތީ އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ފަރުވާދެވެން ނެތިގެން އޭގެތެރެއިން ގިނަ ބަޔަކު މިހާރުވަނީ މަރުވާން ދޫކޮށްލެވިފައިކަމަށާއި މިއީ ހިތްފަޅައިގެންދާ ވަރުގެ ބޮޑު އިންސާނީ ޖަރީމާތަކެއްކަމަށް ޣައްޒާގެ ސިއްހަތާބެހޭ މަސްއޫލުވެރިން މިއަދު ހެނދުނުވަނީ ވިދާޅުވެފައެވެ.
އަލްޖަޒީރާގެ މުރާސިލުން ބުނާގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދު ގިނަކަމުން އެމީހުންގެ ހަށިތައް ވަޅުލެވޭނެ ގޮތެއްވެސް ނެތުމުން ހޮސްޕިޓަލްތަކުގެ ގޯތިތެރޭގައި ބޮޑެތި ވަޅުގަނޑުތައް ކޮނެ އެމީހުންގެ ހަށިތައް ވަޅުލުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.