22 މިނިސްޓްރީއެއް ހުންނާނެ، އެކަމަކު ޚަރަދު ބޮޑެއް ނުވާނެ: މުއިއްޒު
22 މިނިސްޓްރީއެއް ހުންނާނެ، އެކަމަކު ޚަރަދު ބޮޑެއް ނުވާނެ: މުއިއްޒު

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި, 22 މިނިސްޓްރީއެއް އުފެއްދެވި ނަމަވެސް އެހެން ސަރުކާރުތަކާ އަޅާބަލާއިރު ޚަރަދު ބޮޑެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ، ބައެއް ވުޒާރާތައް ދެ ވުޒާރާއަކަށް ބަދަލުކޮށް އާ ވުޒާރާތަކެއް އުފައްދަނީ ސީރިއަސް އަދި ފޯކަސްޑް މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. މިކަން މިހެން ކުރަން ނިންމި ސަބަބަކީ ވުޒަރާތަކުގެ މަސްއޫލިއްޔަތު މާބޮޑުވެ އެއްކަމެއް ވެސް ރަނގަޅަށް ނުކުރެވޭތީ ކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.

"އެއް މިނިސްޓްރީއެއްގެ ތެރޭގައި އެބަ އޮވޭ ވަރަށް ބައިވަރު ކަންތައްތަކެއް ހިނގާފަ. އެއްކަމެއް ވެސް ރަނގަޅަށް ނުވެފަ މި އޮންނަނީ. މިސާލަކަށް ޕްލޭނިން މިނިސްޓްރީއަށް ބަލަލާއިރުގަ ޕްލޭނިން މިނިސްޓްރީ ތެރެއިން ކަމެއް ނުވާކަން ބްރިޖަށް ބަލައިލީމަ އެބަ އެނގޭ. އަމީނީ މަގަށް ބަލައިލީމަ އިނގޭނެ މިސާލަކަށް. އަޅުގަނޑު ބޭނުމެއް ނޫނޭ އެކަން އެހެން ވާކަށް. އެފިޝިއެންޓް ޓީމެއް ނެގުމުގެ އިތުރަށް އެ ޓީމަށް ފޯކަސްޑް މަސައްކަތްތަކެއް ކުރެވޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ މިނިސްޓްރީތައް ހުންނާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އާ ވުޒާރާތަކުގެ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަލަށް އުފައްދާނީ ދޭއް ނުވަތަ ތިން ވުޒާރާއެއް ކަމަށެވެ. އެމަނިކުފާނުގެ ސަރުކާރުގައި ހުންނާނީ ޖުމްލަ 22 ވުޒާރައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ކެމްޕެއިން ތެރޭގައި ވީ ވައުދުތައް ހުންނާނެ. އެގްރިކަލްޗާ މިނިސްޓްރީއެއް އުފައްދާނެ ވާހަކަ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރާނެ މިނިސްޓްރީ އެއް އުފައްދަނެ ވާހަކަ، ދިވެހި ބަހަށް ހާއްސަ ކަމެއް ދޭނެކަން މިނިސްޓްރީތަކުން. އެކަމަކު މުޅިން އަލަށް މިނިސްޓްރީތައް ސްޕްލިޓް ކޮށްގެން ނޫން ގޮތަކަށް އުފެދޭނީ ދެތިން މިނިސްތްރީއެއް ވަރު ކަންނޭންގެ،" މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިކަމުގެ ސަބަބުން ސިޔާސީ މަގާމުތައް އިތުރު ނުވާނެ ކަމަށެވެ. އެގޮތުން ކުރިން ވެސް އިއުލާނު ކޮށްފައިވާ ގޮތަށް، ސިޔާސީ މަގާމުތައް 700 މީހުންނަށްވުރެ ގިނަ ނުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއީ ވޭތުވެދިޔަ ދެ ސަރުކާރަށްވުރެ މަދު އަދަދެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ވުޒާރާތައް ގިނަވި ނަމަވެސް، ސަރުކާރުގެ އޮފީސްތައް ހިންގުމަށް އިތުރު އިމާރާތްތަކެއް ނުހޯދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޕްރައިވެޓް މީހެއްގެ ގެއަކުން ނުވަތަ އެހެން ތަނެއް ކުއްޔަށް ނެގުން ފަދަ، ރިކަރަންޓް ޚަރަދު ބޮޑުވާނޭ ކަމެއް ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެެ.

"އިރާދަކުރެއްވިއްޔާ މިހާރު ހުރި ތަންތަނުން އަޅުގަނޑުމެން މެނޭޖް ކުރާނަން. ޕޮލިޓިކަލް މަގާމުތައް މަދުވާނެ. މިހާރު ތަންތަނުން މެނޭޖު ކުރާނަމޭ. ސިވިލް ސާވިސް ވެސް އޭގެ ޒާތުގައި ބޮޑެއް ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.

އޮފީސްތައް ހިންގުމަށް މިހާރު ކުއްޔަށް ހިފާފައިވާ އަދަދަށް ވުރެން އިތުރަށް އަމިއްލަ މީހުންގެ އިމާރާތްތައް ކުއްޔަށް ނުނަންގަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.