12 Nov 2023, 13:26
ޣައްޒާގެ އުތުރަށް އިންސާނީ އެއްވެސް އެހީއެއް ނުލިބޭ ކަމަށް އަލް ޝިފާ ހޮސްޕިޓަލްގެ ޑައިރެކްޓަރު މުހައްމަދު އަބޫ ސަމަލިޔާ ވިދާޅުވެއްޖެއެވެ.
ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް، ޝިފާ ހޮސްޕިޓަލްގައި މިވަގުތު ތިބި މީހުންނަށް ދޭނެ ފެނާ ކާނާވެސް ހުސްވެފައިވާ ކަމަށް ސަމަލިޔާ ވިދާޅުވިއެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުން އަޅުގަނޑުމެންނަށް ފެނެއް ނުވަތަ ތެޔޮ ލީޓަރެއް ފޯރުކޮށްދީފައެއް ނުވޭ. ކޮންމެ ދުވަހަކު ކެންސަރު ބަލިމީހަކު ނުވަތަ ފެންމަދުވެ، ޑީހައިޑްރޭޝަން ޝިކާރައަކަށްވާ ކުއްޖަކު ގެއްލިގެން އެބަދޭ." ސަމަލިޔާ ވިދާޅުވިއެވެ.
ކަރަންޓު ކެޑިއްޖެނަމަ، އޭގެ 10 މިނެޓް ފަހުން ހޮސްޕިޓަލްގައި ވެންޓިލޭރަށާއި އެ ނޫންވެސް މެޝިންތަކާ ގުޅައިގެން ފަރުވާ ހޯދާ ބަލިމީހުން މި ދުނިޔެ ދޫކޮށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝިފާ ހޮސްޕިޓަލުން މިއަދު ވަގުތެއްގައި ކަރަންޓު ކެނޑިފައިވާއިރު، އެ މީހުން އަތުގައި އެންމެ ތެޔޮ ފޮދެއް ނެތް ކަމަށްވެސް ސަމަލިޔާ އިއްޔެ ވަނީ ވިދާޅުވެފައެވެ.
ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑުނު ވީޑިއޯ މީސް މީޑިއާގައި ދަނީ އާންމުވަމުންނެވެ.
ޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކި ފަހަރުގެ މަތިން ހަމަލާތައް ދީފައިވެއެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ ވަރަށް ގިނަ ބަޔަކު ޝަހީދުކޮށްލައި، އެތައް ބަޔަކު ވަނީ ޒަހަމްކޮށްލައިފައެވެ. މިއާއެކު ރެއަކީ ޝިފާ ހޮސްޕިޓަލް ކައިރިއަށް އެންމެ ގިނަ އަދަދަކަށް ބޮން އެޅި ރޭ ކަމަށް ފަލަސްތީން ކްރޮނިކަލުން ރިޕޯޓުކުރެއެވެ.