އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި މަގާމުތަކުގައި ތިއްބަވާނީ އެމަނިކުފާނު ކަމަކަށް އިރުޝާދު ދެއްވުމުން އެހެން މީހުން ކައިރިން "އެޕްރޫވަލް" ހޯދަން ނުޖެހޭ މީހުން ކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ޓީވީއެމްއިން މިހާރު ކުރިއަށް ދާ ޕްރޮގްރާމެއްގައި، ޑރ. މުއިއްޒުގެ ކެބިނެޓް މެންބަރުން ކަމަށް ބުނެ މިހާރު ސޯޝަލް މީޑިއާގައި ދައުރުވާ ލިސްޓާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން ޑރ. މުއިއްޒު ވިދާޅުވީ، ދައުރުވާ ލިސްޓަކީ 95 ޕަސަންޓު ސައްހަ ލިސްޓެއް ކަމަށެވެ.

ކެބިނެޓް މެމްބަރުންނާ ގުޅިގެން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ މަތީ ފަޑީގައި ތިއްބަވާނީ، އެމަނިކުފާނު ރައްޔިތުންނަށްޓަކާވީ ވައުދުތައް ރަނުން ރަނަށް ފުރިހަމަ ކުރުމަށް ރެއާ ދުވާލު ހޭލާ ހުރެގެން މަސައްކަތް ކުރަން ޖެހުނަސް ކުރެވޭ ވަރުގެ ބޭފުޅުން ކަމަށެވެ.

ކެމްޕެއިން ދުވަސްވަރު ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުވާލާ އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން އެދޭގޮތަށް މަސައްކަތް ކުރެވޭ ވަރުގެ ޓީމެއް ނަންގަވާނެ ވާހަކަ އޭރު ވިދާޅުވެފައި ވާނެކަމަށެވެ.

ޓީވީއެމް އިން ގެނެސްދޭ ދިވެހީންގެ ރާއްޖެ ޕްރޮގްރާމުގައި ޑޜ. މުއިއްޒު ވާހަކަ ދައްކަވަނީ --

"ދެން އަޅުގަނޑު ދެންނެވިން ތައުލީމީ ގާބިލު ޓީމަކަށް ވާނެއޭ. އެހެންވީމަ މި ހުރިހާ ކަމެއް އެއްކޮށްލާފަ އަދި އަޅުގަނޑު ދެންނެވިން އަޅުގަނޑު ބޭނުމޭ އެންމެން އެކީގަ ކުރިއަށް ދާން. ގައުމަށް ހަމަޖެހުން އަންނަން ބޭނުމޭ. ބައިބައިވުމާ ބަދަލު ހިފުމާ ނެގެޓިވް، އަބަދު ދެކޮޅުވެރިކަމުގެ ރޫހެއްގެތެރޭގައި އަޅުގަނޑުމެން އަބަދު ކުރިއަށް ދާކަށް އަޅުގަނޑު ބޭނުމެއް ނޫނޭ. ކުރިއަށް ދާން ބޭނުމޭ އެކުގަ ހަމަޖެހުމުގަ. މިއީ އަސްލު އަޅުގަނޑު ދައްކާފަ ހުރި ވާހަކަ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ކެބިނެޓް އެކުލަވާލަން ބޭނުންވަނީ އެ ހުރިހާ ކަމެއް ހާސިލްވާގޮތަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އަންހެނުންގެ ހިއްސާ ވެސް ބޮޑުވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރު ހިއްސާވާ މުހިންމު ހަ ކުންފުންޏެއްގެ ހިންގުން އަންހެން ކަނބަލުންނަށް ހަވާލުކުރަން މިހާރު ނިންމަވާފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކެބިނެޓުގައި ވެސް އަންހެން ބޭފުޅުން ހިމެނޭނެ. މުޅި ކެބިނެޓުގެ ނިސްބަތުން އެހާ ގިނަ ނުވިއަސް ކެބިނެޓާ ކުންފުނިތައް އެއްކޮށްލާއިރުގަ މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ހިމެނޭ ޓޮޕް މެނޭގްމަންޓް ހެން އަޅުގަނޑަށް ގަބޫލުކުރެވެނީ އަންނާނީ. އެއީ ޔަގީންކަމެއް. ވީ ވަރަކުން ބަލަފަ އޮންނާނީ އެ ދާއިރާއަކާ ގުޅޭ ބޭފުޅަކު، އެ ދާއިރާއަކުން ކިޔަވައި ވިދާޅުވެގެން ހުންނެވި ނުވަތަ އެ ދާއިރާއެއްގެ ތަޖުރިބާ ވީހާވެސް ރަނގަޅަށް ލިބިފައިވާ މީހަކު ނެގޭތޯ،" މުއިއްޒު ވިދާޅުވިއެވެ.

"އަދި އެހެން ނުވާ ފަހަރުގައި ހުންނާނެ ހިންގުމުގެ ގޮތުން، އަޅުގަނޑު ހަވާލުކުރާ ޕޯޓްފޯލިއޯއެއް ހިންގޭނެ ފަދަ އަދި އެ ދާއިރާއަކާ ވީހާވެސް ގާތް ގުޅުން އޮތް ވީހާ ވެސް ހިންގުންތެރި މެނޭޖްމަންޓް ވައިސް އަދި ތަޖުރިބާގެ ގޮތުން ހިންގުންތެރިން ބޭފުޅުންނަށް ވެސް ފުރުސަތު ދީފަ."

ކެބިނެޓް އެކުލަވާލާއިރު އާ މޫނުތަކެއް ފެންނާނެކަން ފާހަގަ ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަނީ ވެސް އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮންނަ ބޭފުޅުން ކަމަށެވެ.

މީގެ އިތުރުން، ކެބިނެޓުގައި އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލް ނުކުރާ ބޭފުޅަކު ނުހިމެނޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކެބިނެޓަށް އައްޔަންކޮށްފައި ވާނީ އެ ދާއިރާއަކުން ތައުލީމު ހާސިލްކޮށް ނުވަތަ ތަޖުރިބާ ހާސިލްކޮށްފައިވާ ބޭފުޅުންކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުން އަޅުގަނޑުގެ ސަރުކާރަކީ ސާފު ސަރުކާރަކަށް ހަދަން. ކޮރަޕްޝަނަށް ހަމަ ހަގީގަތުގައި ވެސް ނޫނެކޭ ބުނާނެ މި ސަރުކާރުން. ކެބިނެޓްގެ މެމްބަރެއް ވިޔަސް އެމްޑީއެއް ވިޔަސް ފުރުސަތެއް ނުދޭނަން، އަޅުގަނޑަށް ޔަގީން އަޅުގަނޑު ނަގާފައި މިތިބަ އެއްވެސް ބޭފުޅަކު އެކަމަކަށް ފުރުސަތެއް ނުދެއްވާނެ." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ މަނިކުފާންގެ ޓީމް އެކުލަވާލީ ސާފު ދެފުއްފެންނަ، ހިންގުންތެރި ގާބިލް ސަރުކާރެއް އެކުލަވަލުމުގެ ވިސްނުމުގައި ކަމަށެވެ.