ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގައި މާދަމާ ހަވީރު ވިޔަންސާއާ ދެކޮޅަށް ނިކުނައިރު ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) އަށް ނުކުޅެވޭނެ ކަމަށް ނިއުރޭޑިއަންޓުގެ ހެޑް ކޯޗް މުހައްމަދު ޝިއާޒް (މޯހަން) ބުނެފި އެވެ.

މެޗުގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ، ވިޔަންސާ މެޗުގައި ކެޕްޓަން ޓޮމްއަށް ނުކުޅެވެނީ އޭނައަށް ލިބިފައިވާ އަނިޔާ އަދި މުޅިން ރަނގަޅު ނުވާތީ ކަމަށެވެ.

އަދި ޓޮމްގެ އިތުރުން ޓީމުގެ މުހިންމު ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ވެސް އަނިޔާއާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް އެދެކުޅުންތެރިން ވިޔަންސާގެ މެޗުގައި ފެންނާނެ ކަމަށް މޯހަން ބުންޏެވެ.

"ޓީމުގެ މުހިންމު ކުޅުންތެރިން ތިބީ އަނިޔާގައި. ޓޮމްއަށް ވެސް މާދަމާގެ މެޗުގައި ނުކުޅެވޭނެ. އެކަމަކު އަނިޔާގައި ހުރި އަޝްފާގަށާއި އޮއްޕޮއަށް މާދަމާ ކުޅެވޭވަރު ވާނެ." މިދިޔަ ބުރާސްފަތި ދުވަހު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމގައި މީހަން ބުންނެވެ.

މޯހަން ބުނީ، މާދަމާ ވިޔަންސާއާ ދެކޮލަށް ނިކުންނައިރު އެޓީމަކީ ރީތި ފުޓްބޯޅައެއް ކުޅޭ މޮޅު ޓީމެއް ކަމަށާއި ބޯޅަ ކުޅެން އުޅޭ ޓީމެއްގެ ގޮތުގައި ކަމަށެވެ.

"ވިޔަންސާ ޓީމަކީ ރީތި ފުޓްބޯޅައެއް ކުޅޭ ޓީމެއް. އެކަހަލަ ތީމަކާއެކު ކުޅެން ފަށޭހަ ވާނެ. ވިޔަންސާއަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް. ވަރަށް އޮގަނައިޒް ޓީމެއްގެ ގޮތުގައި މިފެންނަނީ. ހާއްސަކޮށް އެޓީމުގެ ބިދޭސީ ގޯލްކީޕަރު. މެޗަކީ އެއްވެސް ގޮތަކުން ފަށޭހަ މެޗެއް ނޫން" މޯހަން ބުންޏެވެ.

މެޗުގެ ކުރިން ވިޔަންސާގެ މެނޭޖަރު އަހުމަދު ބަދީއު ބުނީ، ނިއުއާ ދެކޮޅަށް ނިކުނައިރު އެޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގެ "ޖައަންޓުން" ކަމަށާއި އެހެން ކަމުން މާދަމާ ނިކުންނާނީ އެވަރު ދަނެގެން ކަމަށެވެ. އަދި ނިއުއާ ދެކޮޅަށް ވިޔަންސާ ނިކުންނާނީ އެއްވެސް ހާލަތެއްގައި ބަލިކަށި ވެގެނެއް ނޫން ކަމަށާއި މޮޅުވުމުގެ އުންމީދުގައި ކަމަށެވެ.

"ވިޔަންސާ ނިކުންނާނީ ތިން ޕޮއިންޓު ހޯދަން. ނިއު ބަލިކުރެވޭނެ ކަމުގެ 100 ޕަސެންޓު އެބޮތް." ބަދީއު ބުންޏެވެ.