12 Nov 2023, 13:21
އިންޑިއާގައި މިހާރު ކުރިއަށްދާ އައި.ސީ.ސީ. ކްރިކެޓް ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އަތުން ބަލިވުމުން މި މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދުމަށް އަފްޣާނިސްތާންއަށް އޮތް ފުރުސަތު ގެއްލިއްޖެއެވެ.
އަހްމަދުއާބާދުގައި ކުޅުނު މި މެޗް ދެކުނު އެފްރިކާއިން ކާމިޔާބުކޮށްފައިވަނީ ފަސް ވިކެޓުންނެވެ. މި މެޗް ދެކުނު އެފްރިކާއިން ކާމިޔާބު ކުރި ނަމަވެސް އަފްޣާނިސްތާންއިން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މި މެޗްގެ ޓޮސް ދިމާވުމުން އަފްޣާނިސްތާނުން ނިންމީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އަރާ 50 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 244 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 97 ލަނޑު ހެދި އަޒްމަތުﷲ އޮމަރްޒާއިއެވެ. މި އީނިންގްސްގައި ދެކުނު އެފްރިކާއަށް އެންމެ ރަނގަޅަށް އުކާފައިވަނީ 10 އޯވަރު 44 ލަނޑަށް ހަތަރު ވިކެޓް ނަގައިދިން ޖެރާޑް ކޮއެޓްޒީއެވެ.
ޖަވާބުގައި ދެކުނު އެފްރިކާއިން ކުޅެން އަރާ 47 އޯވަރު ތިން ބޯޅައަށް ފަސް ކުޅުންތެރިން ނުބައިވެގެން 247 ލަނޑު ހަދާ މެޗް ކާމިޔާބުކުރިއެވެ. މި މެޗް ދެކުނު އެފްރިކާއިން ކާމިޔާބު ކުރި ނަމަވެސް މިކަން ކުރެވިފައިވަނީ ވަރަށް އުނދަގުލުން ކަން މި އީނިންގްސްގެ ކުޅުން ދިޔަ ގޮތުން ހާމަވެގެންދިޔައެވެ.
ދެކުނު އެފްރިކާއަށް މި މެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ނުބައިނުވެ 76 ލަނޑު ހަދައިދިން ރެސީ ވެން ޑަ ޑުސެންއެވެ. މީގެ އިތުރުން ކުއިންޓަން ޑި ކޮކް ވަނީ 41 ލަނޑު ހަދައިދީފައެވެ. އަފްޣާނިސްތާން ޓީމަށް އެންމެ ރަނގަޅަށް އުކާފައިވަނީ ދެ ވިކެޓް ނަގައިދިން މުހަންމަދު ނަބީ އާއި ރާޝިދު ހާންއެވެ.
މި ކާމިޔާބީއާއެކު ދެކުނު އެފްރިކާ މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް މަރްހަލާ ނިންމާލާފައިމިވަނީ ކުޅުނު ނުވަ މެޗްގެ ތެރެއިން ހަތް މެޗް ކާމިޔާބުކޮށް 14 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގާ އޮވެގެންނެވެ. އަދި މި އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ސެމީފައިނަލްގައި ދެކުނު އެފްރިކާ ނިކުންނާނީ އޮސްޓްރޭލިއާ އާ ދެކޮޅަށެވެ.
މި މެޗުން ބަލިވެ ވޯލްޑް ކަޕްގެ ސެމީފައިނަލްގެ ޖާގައެއް ނުލިބުނު ނަމަވެސް މިފަހަރުގެ ވޯލްޑް ކަޕް އަފްޣާނިސްތާނަށް ކާމިޔާބު ވޯލްޑް ކަޕެއްގެ ގޮތުގައި ފާހަގަ ކޮށްލެވޭނެއެވެ. އެއް ދުވަހުގެ ވޯލްޑް ކަޕްގައި އަލަށް ވާދަކޮށް އެންމެ ފަހު މެޗާއި ހަމައަށް ސެމީފައިނަލްގެ ޖާގައަކަށް ވާދަކުރުމަކީ އަފްޣާނިސްތާންއިން މި މުބާރާތް ފެށިއިރު އުންމީދު ކުރި ކަމެއް ނޫނެވެ. އަދި މި ފަހަރުގެ މުބާރާތުގައި އަފްޣާނިސްތާންގެ ކްރިކެޓް ޓީމް މި ވަނީ އެންމެ މަތީ ފެންވަރުގައި އެ ޓީމަށް ވާދަކުރެވިދާނެކަން ހާމަކޮށްދީފައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި އަފްޣާނިސްތާން އިން މި ވަނީ އެންމެ ފަހުގެ ޗެމްޕިއަން އިންގްލަންޑްގެ އިތުރުން ޕާކިސްތާނާއި ސްރީލަންކާ އަދި ނެދަލަންޑްސްވެސް ބަލިކޮށްފައެވެ. އަދި އާދަޔާ ހިލާފް ގޮތަކަށް އޮސްޓްރޭލިއާ އަތުން ބަލި ނުވި ނަމަ ސެމީފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަފްޣާނިސްތާންއަށް ވަރަށް ބޮޑަށް ލިބިގެންދިޔައީހެވެ.