19 May 2012, 19:42
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގައި މިއަދު ކުލަބް ވެލެންސިޔާ އަތުން 5-1 ލަނޑުން މޮޅުވެ، ލީގް ވާވަލްގެ އެއް ވަނަ މާގާމަށް ވިކްޓަރީ ޖެހިލައިފި އެވެ.
ވިކްޓަރީ ލީގް ތާވަލްގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓާ އެކުއެވެ. މެޗުން ބަލިވި ވެލެންސިޔާ އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ.
މިއަދު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ވެލެންސިޔާއިންނެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ވެލެންސިޔާގެ ބިދޭސީ ކުޅުންތެރިޔާ މައިކަލް ސޮލަމަން ވިކްޓަރީ ކޮޅަށް ޖެހި ލަނޑާއެކު، ވިކްޓަރީގެ ކުޅުމަށް ޕްރެސަރ ތަކާ ކުރިމަތިވި ނަމަވެސް، ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި މުހައްމަދު އުމައިރު ވަނީ ވިކްޓަރީއަށް ގޯލެއް ކާމިޔާބު ކޮށްދީ މެޗުގެ ހިތްވަރު ވިކްޓަރީގެ ކުޅުންތެރިންނަށް އާކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ދެ ޓީމަށް ލިބުނު ނަމަވެސް، ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމް 1-1 ލަނޑުން އެއް ވަރުވެގެން ނެވެ.
މިއަދުގެ މެޗުގައި ވިކްޓަރީގެ އުމައިރު ވަނީ ހެޓްރިކް ހަދައި ޖުމްލަ ހަތަރު ލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދީ ފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އުމައިރު ވިކްޓަރީއަށް ކާމިޔާބު ކޮށްދިން ލަނޑާއެކު، އޭނަގެ އަނެއް ތިން ލަނޑު ވިކްޓަރީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ ދެ ވަނަ ހާފުގައެވެ. އަދި ވިކްޓަރީގެ ތިން ވަނަ އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 68 ވަނަ މިނެޓުގައި ކެޕްޓަން އަހުމަދު ޝާފިއުއެވެ.
މިއަދުގެ މެޗުގައި އުމައިރު ވިކްޓަރީއަށް ކާމިޔާބު ކޮށްދިން ހަތަރު ގޯލާއެކު އޭނާ ވަނީ ގޯލްލިސްޓުގެ އެންމެ ކުރިއަށް ވެސް ޖެހިލައިފައެވެ. އެގޮތުން ގޯލް ލިސްޓުގެ އެންމެ ކުރީގައި އުމައިރު އޮތީ އަށް ގޯލް ވިކްޓަރީއަށް ކާމިޔާބު ކޮށްދީގެންނެވެ. އަދި މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އުމައިރު އެވެ.
މެޗަށް ފަހު ވިކްޓަރީގެ އެސިސްޓެންޓް ކޯޗް މުހައްމަދު ނަޒީހް ބުނީ، ވެލެންސިޔާއާ ދެކޮޅަށް ކުޅެ، ވިކްޓަރީން ނެރުނު ނަތިޖާއާ މެދު ހިތް ހަމަޖެހޭ ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ކުޅުމާމެދު ވެސް ހިތް ހަމަޖެހޭ ކަމަށް ބުނެފައެވެ. އަދި ތާވަލްގެ އެއް ވަނަ ލިބުމުން އުފާވާ ކަމަށާއި އެލީޑް އަބަދުވެސް ދަމަހައްޓަން ބޭނުން ވާކަމަށް ނަޒީހް ބުންޏެވެ.
"ޖުމްލަ ކޮށް ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތް ހަމަ ޖެހޭ. އުމައިރުގެ ކުޅުމާ މެދު ވެސް ހިތް ހަމަޖެހޭ. ވިކްޓަރީން އަބަދުވެސް އުންމީދު ކުރަނީ އެއް ވަނަ. އެކަން ވިކްޓަރީއަށް ކުރެވޭނެ." ނަޒީހް ބުންޏެވެ.
ވެލެންސިޔާގެ ކޯވް މުހައްމަދު އިގްބާލް ބުނީ، މެޗުގެ ފުރަތަމަ ލީޑް ވެލެންސިޔާއިން ނެގި ކަމުގައި ވިޔަސް، ޓީމްގެ ކުޅުމާ މެދު ހިތް ހަމަ ނުޖެހޭ ކަމަށެވެ. އަދި މެޗުން ނިކުތް ނަތީޖާއާ މެދު ހިތް ހަމަ ނުޖެހޭ ކަމަށް ވެސް އިގްބާލް ބުންޏެވެ.
"ފުރަތަމަ ހާފުގެ ކުރީ ކޮޅު ދެއްކީ ހިތް ހަމަ ޖެހޭ ވަރުގެ ކުޅުމެއް. އެކަމަކު ވިކްޓަރީން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި ހިސާބުން ޓީމް ކުޅެމުން އާ ފޯމް ގެއްލި ގިނަ މިސްޓޭކްތަކެއް ކުޅުންތެރިންނަށް ހެދުނު. މެދުތެރެއިން ވެސް. ބިދޭސީ ފޯވާޑް ސޮލަމަންގެ ނިންމުންތައް ވެސް މިއަދުގެ މެޗުގައި އެހާ ފުރިހަމައެއް ނޫން" އިގްބާލް ބުންޏެވެ.
ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާ ދެޓީމަކީ 10 ޕޮއިންޓާއެކު ދެ ވަނައިގައި މިވަގުތު އޮތް ނިއުރޭޑިއަންޓާއި ލީގުގެ އެންމެ ފުލުގައި ދެ ޕޮއިންޓާއެކު މިވަގުތު އޮތް ވިޔަންސާ އެވެ.