11 Nov 2023, 11:18
ރަހީނުކުރުމަށްފަހު ނޭޝަނަލް ލިބަރޭޝަން އާމީ (އީއެލްއެން) އިން ކަންކަން ރަނގަޅަށް ކޮށްދީފައިވާ ކަމަށް ލިވަޕޫލުގެ ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒްގެ ބައްޕަ ބުނެފިއެވެ.
ކޮލަމްބިއާގެ ޖަމާއަތެއް ކަމަށްވާ އީއެލްއެން އިން އުމުރުން 58 އަހަރުގެ ލުއިސް މެނުއަލް ޑިއާޒް، ދެ ހަފުތާއެއްހާ ދުވަހު ރަހީނުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ޖަމާއަތުން ޑިއާޒް ދޫކޮށްލުމާއެކު އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.
"ވަރަށް އުނދަގޫ ދުވަސްތަކެއް ހޭދަކުރަން ޖެހުނު، ގާތްގަނޑަކަށް 12 ވަރަކަށް ދުވަހު ނުނިދާ ހުންނަން ޖެހުނު. ނަމަވެސް އެމީހުން ކަންތައްތައް ކޮށްދިނީ ވަރަށް ރަނގަޅަށް. އަހަރެންނަށް އުނދަގޫވީ އަހަރެންގެ ދަރިންނާއި އެކުވެރިންނާ ދުރުގައި ހުންނަން ޖެހުމުން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޑިއާޒްގެ ބައްޕަ ބުންޏެވެ.
ޑިއާޒްގެ ބައްޕަ ބުނީ އީއެލްއެން އިން އެއްވެސް ވަރަކަށް ފައިސާ ދިނުމަށް އެދިފައިނުވާ ކަމަށާއި ހުރިހާ ކަމެއް ވެސް ނިމިގެންދިޔައީ ގާނޫނީގޮތުން ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އޭނާގެ ދަރި ޑިއާޒްއާއެކު އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޮލަމްބިއާގައި ޑިއާޒްގެ ބައްޕަ އާއި މަންމަ ސިލެނިސް މަރުލަންޑާ، ރަހީނުކޮށްފައިވަނީ ހަތިޔާރާއެކު ތިބި ދެ މީހަކު ވެހިކަލެއްގައި އައިސް، އެމީހުން ދިރިއުޅެމުންދިޔަ ގެއަށް ވަނުމަށްފަހުއެވެ.
ރަހީނުކުރިތާ ގިނަ އިރުތަކެއް ނުވެ، ޑިއާޒްގެ މަންމަ ދޫކޮށްލި ނަމަވެސް، އޭނާގެ ބައްޕަ ދޫކޮށްލައިފައެއް ނުވެއެވެ. ޑިއާޒްގެ ބައްޕަ ހޯދުމަށް ކޮލަމްބިއާގެ ފުލުހުންނާއި ސިފައިން ވެސް މަސައްކަތްކޮށް، މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ވެސް ހުށަހެޅިއެވެ.
އީއެލްއެން އިން ޑިއާޒްގެ ބައްޕަ ދޫކޮށްލައި، ހަވާލުކޮށްފައިވަނީ އިންސާނީ ހިދުމަތް ފޯރުކޮށްދޭ ކޮމިޝަނަކާއެވެ. އެއަށްފަހު ހެލިކޮޕްޓަރެއްގައި އޭނާގެ އާއިލާ ގާތަށް, ލަ ގުއާޖިރާއަށް ވަނީ ގެންގޮސްފައެވެ. އީއެލްއެން އިން ޑިއާޒްގެ ބައްޕަ ދޫކޮށްލާފައިވަނީ އޭނާ ދޫކޮށްލާނެކަމުގެ ޔަގީންކަން ދިނުމަށްފަހުއެވެ. ރަހީނުކުރީ އޭނާއަކީ ޑިއާޒްގެ ބައްޕަކަން ނޭނގި ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.