11 Nov 2023, 09:49
ފިލްމީ ދާއިރާއިން ކުރިޔަށް ދިއުމަށް އެއްވެސް މީހެއްގެ ހިޔަންޏަށް ނުވުމަކީ، ވަރަށް ވިސްނުންތެރިކަމާއެކު ނިންމި ނިންމުމެއް ކަމަށް ބޮލީވުޑްގެ އުއްމީދީ އެކްޓަރު އިޝާން ހައްތަރު ބުނެފިއެވެ.
ހިންދީ ސިނަމާއިން ކުރިޔަށް ދިއުމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ޒުވާން އެކްޓަރު ބުނީ އެކްޓު ކުރުމުގެ މަސައްކަތް ދެކެ ލޯބިނުވާ ފަރާތަކަށް އެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
ބޮލީވުޑްގެ އިތުރުން ބައިނަލް އަޤްވާމީ ބައެއް ފިލްމީ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކޮށްފައިވާ އިޝާން ބުނެފައި ވަނީ މިހާތަނަށް އެއްވެސް މީހެއްގެ ނުފޫޒުގައި މަސައްކަތް ނުކުރުމަށް ވިސްނީ އަމިއްލައަށް ކަމަށާ އެއީ ވަރަށް ރަގަޅު ނިންމުމެއް ކަމަށް މިހާރު ޤަބޫލުކުރެވޭ ކަމަށެވެ.
އިޝާން އަކީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮއެވެ.
ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި އިޝާން ބުނެފައި ވަނީ، ފިލްމީ ކެރިއަރުގެ ފުރަތަމަ އަހަރުތައް އޭނާއަށް ވަރަށް މުހިއްމުވި ކަމަށާއި އޭރުވެސް މަސައްކަތް ކުރީ އަމިއްލަ އައިޑެންޓިޓީއެއް ހޯދުމަށް ކަމަށެވެ.

އިޝާން ބޭބެ ޝާހިދު ކަޕޫރު އަދި ފަހަރި މީރާ ކަޕޫރާއެކު
އިޝާން ހައްތަރު ފިލްމީ ދާއިރާއަށް ނުކުތީ އީރާނުގެ ޑައިރެކްޓަރެއް ކަމަށްވާ މާޖިދު މަޖީދީގެ ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" އިންނެވެ.
އޭގެ ފަހުން ދަރްމާ ކުންފުނިން ގެނެސްދިން ރީތި ލޯބީގެ ފިލްމު "ދަޅަކް"އިން އިޝާން ވަނީ އޯޑިއަންސްގެ ލޯބި ކާމިޔާބު ކޮށްފައެވެ.
ދަރުމާގެ މި ފިލްމަށްފަހު އިޝާން ފަސް އެނބުރި ބެލުމެއް ނެތި ފިލްމީ ދާއިރާގައި ސާބިތުވެ ހުރިއިރު ދާދިފަހުން ރިލީޒްވި އިޝާންގެ ފިލްމު "ޕިއްޕާ"އަށް ގިނަ ބައެއްގެ ތަޢުރީފު އަންނަނީ ލިބެމުންނެވެ. އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރަން ފަށާފައިވާ މި ފިލްމަކީ އިޝާން އަސްކަރީ އޮފިސަރެއްގެ ރޯލްއިން ފެންނަ ހަނގުރާމަ މަތީ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.