28 Nov 2023, 06:09
ޒައިލް ހުއްޓުންއަރާފައި ހުއްޓާ، ލޫކް ހީގަތެވެ. ލޫކް ކުރީ ސަމާސާއެއްކަން އެނގުމުން ޒައިލްއަށްވެސް ހެވުނެވެ.
********
"ތިކަހަލަ ސަމާސާ މާގިނައިން ނުކުރައްޗޭ... ހިތް ކިލަނބުވެދާނެ..." ޒައިލްވެސް ސަމާސާކޮށްލިއެވެ.
ރަށުން ހަފުލާއަށް އައި މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ހަދީޖާ އަވަދިނެތި އުޅުނެވެ.
"ހަދީ..." ފާތުމަގެ އަޑަށް ހުސޭނާއި ވާހަކަ ދައްކަން ހުރި ހަދީޖާ ކުޑަކޮށް ސިހުނެވެ. "އަޅާލާފަ ހުރި ރީތި ބުރުގާއިން ފާހަގަކުރަންވެސް ނޭނގުނޭ..."
"ފާތުމާ!... މާލޭގަތަ ތިއުޅެނީ؟..." ހަދީޖާ ހުރީ ހައިރާންވެފައެވެ. އެ ހަފުލާގައި ބައިވެރިވާން ފާތުމަ މާލެ އައިސްދާނެކަމަށް ގަބޫލުކުރަން އޭނާއަށް ދަތިވީއެވެ.
"ހަދީގެ މާމަ ދަރިފުޅު އިންވާޓްކުރީމަ ނައިސްވާނެތަ؟..." ފާތުމަ ހުރީ ފުޅާކޮށް ހިނިތުންވެލައިގެންނެވެ.
"މަންމާ އިންވައިޓް..." ފާތުމަގެ ކައިރީގައި ހުރި އޭނާގެ ދަރިފުޅު ރަނގަޅުކޮށްލަދިނެވެ.
"ޕާޓީއަށްތަ މާލެ ތިއައީ؟..." ޔަގީން ނުވެގެން ހަދީޖާ އަހައިލިއެވެ.
"މާމާ!... މާމަގެ އެކުވެރިންނާ، އަވަށްޓެރިންނަށް ދައުވަތު ދިނީ އަހަރެން...." ހަދީޖާގެ ކައިރިއަށް އައިސް ޒައިލް ބުންޏެވެ. "މިހާ އުފާވެރި ދުވަހެއްގަ މާމަގެ އެކުވެރިންވެސް ހަފުލާގަ ބައިވެރިކުރަންވާނެއެއްނު... އެހެންނޫނީ، މާމަ ކިހާ އެކަނިވާނެ... ދޯ ދައްތާ؟..." ފާތުމައަށް ބަލައިލަމުން ޒައިލް ވާހަކަ ދެއްކިއެވެ.
"އާނ، އާނ... ތިޔަބުނީ ހެޔޮކޮށް..." ފާތުމަ ކުރިއަށްވުރެ ބޮޑަށް ހީގަތެވެ.
ޒައިލް ދިޔުމުން ފާތުމަ ހަދީޖާގެ ގާތަށް ޖެހިލިއެވެ.
"އަހަރެން މިހުރީ އަޖައިބުވެފަ... މިކަހަލަ ތަނެއް ކުއްޔަށް ހިފާލެވޭނީ ހާދަ މުއްސަނދި މީހަކަށޭ..." ފާތުމަ ހުރީ ދެލޯ ބޮޑުވެފައެވެ. "އަހަރެންގެ މަންޖެއަށް އިންނަން އެނގުނީ ރަށުގަ ދެފައި ދަމާފައި ނިދަން އޮންނަ މީހަކާ ވިއްޔަ..."
"ފާތުމާ!... އެކި މީހުންނަށް މިންވަރު ކުރައްވާނީ އެކިވަރުގެ ނަސީބު..." ވިސްނައިދޭފަދަ ރާގަކަށް ހަދީޖާ ބުންޏެވެ.
"މާމާ!... ޑިޒާޓްތައް ހާދަ މީރޭ..." ބާރަ ވަރަކަށް އަހަރުގެ ކުޑަ ފިރިހެންކުއްޖަކު އައިސް ފާތުމަގެ އަތުގައި ހިފައިލިއެވެ. "އަދި އޯކޭތަ އެތިކޮޅެއް ކާލިޔަސް؟..."
"ބޭނުން ވަރަކަށް ކާންވީ..." އެކުއްޖާއަށް ޖަވާބުދިނީ ހަދީޖާއެވެ. "މިތާކު ނުހުންނާނެ ކާން މަނާ އެއްޗެއް..."
ކާއެއްޗެހިތައް ފެނިފައިވެސް، ފާތުމަ ހުރީ ތަލިން ކުޅުހިކޭވަރުވެފައެވެ. އެހާ ގިނަ ފޮނިކާތަކެތި އެއްތަނެއްގައި ހުއްޓާ، މީގެކުރިން އޭނާއަށް ފެނިފައެއް ނުވެއެވެ. ރަށުގައި ހުރެ ހަދީޖާ އާއި ވާހަކަ ދެއްކުނުގޮތުން ފާތުމަ ހުރީ މޮޔަހީވެފައެވެ. ހަދީޖާ ދަށްކޮށްލެވުނީތީ ދެރަވެ، ލަދުގަތެވެ. އެދުވަހު އޭނާ ހުރިހާ އެއްޗެއް ކީއިރު، ހަދީޖާ މަޑުން ހުރީ، ދައްކާނެ ވާހަކަ ނެތިގެން ނޫންކަން އެނގުނެވެ. ކޮންމެ މީހަކީ އެމީހެއްގެ މުއްސަނދިކަން އެހެން މީހުންނަށް އަންގަން ބޭނުންވާނެ މީހެއް ނޫންކަން ފާތުމައަށް އޭރު ވިސްނާނުލެވުނީއެވެ. ހިތުގެ ސާފުކަމާއި، އޯގާތެރިކަމުގެ ސިފައަކީ ހަގީގީ މުއްސަނދިކަން ކަން ނޭނގުނީއެވެ.
ހަދީޖާ ހިނިތުންވެލިއެވެ. ޒައިލް މިއަދު ނަމޫނާ ދައްކައިފިއެވެ. މީހަކު ކިތަންމެ ނުބައިކޮށް ކަންތައް ކުރިޔަސް، އެމީހެއްގެ ކިބައިން ބަދަލު ހިފުމަކީ، ރަނގަޅުގޮތެއް ނޫނެވެ. މީހަކަށް ވިސްނައިދޭން ދުލުން އެއްޗެއް ބުނުމުގެ ބޭނުމެއް ނެތެވެ. ހެޔޮކޮށް ހިތާ، އަމަލުން ދެއްކުން މާ ބުއްދިވެރިއެވެ. ދުޝްމަނުންނަށްވެސް ހެޔޮކޮށް ހިތަން މީހުން ބުނަނީ، ފަހަރުގައި އެމީހެއްގެ ހިތް ބަދަލުވެ، ހެޔޮމަގު ލިބިދާނެކަމަށްޓަކައެވެ.
ހަފްލާ ނިމުނީ ވަރަށްވެސް އުފާވެރިކޮށެވެ. ކޮޅަށް ހުރެހުރެ ވަރުބަލިވެގެން ނިޔަމް ހުރީ ތަނެއްގައި އިށީންނަން ބޭނުންވެފައެވެ. ހަފްލާއަށް ތައްޔާރުކުރުމަށް ގެނެސްފައިވާ ތަކެތި ނެގުމުގެ މަސައްކަތުގައި ޒައިލްމެން އުޅުނެވެ. ނިޔަމްގެ ދެލޯ ހޯދީ ދާވިއަންއެވެ. ދާވިއަން އޮތީ ޔާމީންގެ ކޮނޑުމަތީގައި ނިދާފައެވެ.
"ކޮންއިރަކު ނިދީ؟..." ޔާމީންގެ ކައިރިއަށް ގޮސް ނިޔަމް އަހައިލިއެވެ.
"އިރުކޮޅެއްވެއްޖެ..." ދާވިއަން ހޭލަފާނެތީ ޔާމީން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
"ގެނޭ އަހަރެން އަތަށް..." ނިޔަމް އަތް ދިއްކޮށްލިއެވެ.
"އުހުނ... އެސޮރަށް ހޭލެވިދާނެ..." ޔާމީން ކުޑަކޮށް ފަހަތަށް ޖެހުނެވެ.
"ދަރިފުޅު އެސޮރާ ދޭތެރޭ ނުވިސްނާ... މާމަ ކައިރީ އެސޮރު މިރޭ އޮންނާނީ..." ހަދީޖާ ހުރީ ނިޔަމްގެ ފަހަތުގައެވެ.
"މާމަވެސް ހާދަ ކޫލްއޭ..." ނިޔަމްގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ގޮސްފައި އަރުޝާ ދިމާކުރަން ފެށިއެވެ. "މިރެއަށް ޓައިމް ދޭންވާނެތާ..."
"އެއްކަލަ އަރޫ ކޮން ވާހަކައެއް ފަށަންތަ ތިއުޅެނީ؟..." އަރުޝާގެ އަތްދަށުން ސަލާމަތްވަމުން ނިޔަމް ބުންޏެވެ.
"މިރެއަށް ޓައިމްދޭ ވާހަކައެއްނު..." އަރުޝާ ހީގަތެވެ.
********
ރޮއެރޮއެ ނުޒުހަތުގެ ދެލޯ ވަނީ ރަތްވެ، ދުޅަފައެވެ. އެކަނިވެރިކަން އޭނާގެ މުޅި ދުނިޔެ އަނދިރިކޮށްފިއެވެ. އެހާލުގައި އޭނާއަށް ވިސްނެމުންދިޔައީ މާޒީއާއިމެދުގައެވެ. މިއަދު އޭނާއަށް ލިބެމުންދަނީ މާޒީގައި ހެދުނު ގޯސްތަކުގެ ސަބަބުން އެތައް ބަޔަކަށް ލިބުނު އަނިޔާގެ ބަދަލެވެ.
ކައިވެނީގެ ހަފްލާ އޮތް ރެސްޓޯރެންޓްގެ ކައިރީގައި ނުޒުހަތު ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ނިޔަމް އާއި ޒައިލް ތިބި ކާރު ދުއްވާލުމުން އޭނާ އެރީ ކާރުގެ ކުރިމައްޗަށެވެ. ޑްރައިވަރު ހުށިޔާރުކަމާއިއެކު ބުރަކި ޖެއްސިއެވެ. ނިޔަމް ކާރުން ފައިބަން އުޅުމުން ޒައިލް ހިފެހެއްޓިއެވެ. އޭނާ ނުޒުހަތަށް އިތުބާރެއް ނުކުރެއެވެ. ކޮންމެފަދަ ގެއްލުމެއްވެސް ނިޔަމްއަށް ދީފާނެތީއެވެ.
"ޏަމްގެ ދައްތައަށްވިޔަސް އަހަރެން އޭނައަށް އިތުބާރެއް ނުކުރަން..." ޒައިލް ބުނެލިއެވެ.
ނިޔަމް އިން ފަރާތުން ކާރުގެ ބިއްލޫރިގަނޑުގައި ނުޒުހަތު ޓަކި ޖަހައިލިއެވެ. ނިޔަމް ކުޑަކުޑަކޮށް ބިއްލޫރިގަނޑު ތިރިކުރިއެވެ.
"އާޔަތު ސަލާމަތްކޮށްދީ..." ބިއްލޫރިގަނޑުގައި ހިފަހައްޓަމުން، ނުޒުހަތު އެދުނެވެ. "އަހަރެން ދުވަހަކުވެސް ތިމީހުންގެ ދިރިއުޅުމަށް އެނބުރި ނުދާނަން... އާޔަތުވެސް ނުދާނެ... ހަމައެކަނި އެކަން ކޮށްދީ..."
މާމަ ކިޔައިދިން ވާހަކަތައް ނިޔަމްގެ ކަންފަތް ކައިރީގައި ގުގުމައިލިއެވެ. ނުޒުހަތު އޭނާގެ މަންމައާއިމެދު ކަންތައް ކުރި އިހާނެތިގޮތް އެނގުމުން، އޭނާ ހިތް ސާފުކުރާނީ ކިހިނެއް ހެއްޔެވެ؟ ނިޔަމްގެ ދިރިއުޅުންވެސް ހަލާކުކޮށްލީ ނުޒުހަތެވެ. އެކަމަށް މާފު ދެވުނަސް، އޭނާގެ މަންމައާއި ދޭތެރޭގައި ކަންތައް ކުރިގޮތަށް މާފު ދިނުމަކީ، ދުވަހަކުވެސް އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.
ނިޔަމް ކާރުގެ ދޮރު ހުޅުވާފައި ފޭބިއެވެ. ނުޒުހަތު ވަގުތުން ނިޔަމްގެ އަތުގައި ހިފިއެވެ.
"އަހަރެމެންނަށް މާފުކޮށްފަ، މައްސަލަ ނަގާ...ހެޔޮނުވާނެ!... އާޔާ ކިހިނެއް އެތާ ކެތްކުރާނީ؟..." ނުޒުހަތު އާދޭސްކުރިއެވެ.
"އަހަރެންގެ މަންމަ ކުރި ހިތާމަ މިހުރިހާ ކަމަކަށްވުރެ ބޮޑު..." ނިޔަމް ހިތްހަމަނުޖެހިފައި ބުންޏެވެ.
"އެއީ މާޒީ... މާޒީ ދެން ބަދަލެއް ނުކުރެވޭނެ... އަހަރެން މި އެދުނީ މިހާރުވެސް ބަދަލު ކުރެވިދާނެ ކަމަކަށް..." ނިޔަމް ދެއްކި ވާހަކައިން ނުޒުހަތުގެ މޫޑު ހަރާބުވިއެވެ.
"ހަމައެކަނި އަހަންނަށް ގެއްލުމެއް ދިން ނަމަވެސް މާފުކުރެވުނީސް..." ރަހުމެއް ނެތް އަޑަކުން ނިޔަމް ބުންޏެވެ. އެއީ އެފަދަ ގޮތަކަށް އޭނާ ނުޒުހަތާއި ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. "ތިމީހުން ގެއްލުން ދިނީ ހަމައެކަނި އަހަންނަކަށް ނޫން... އަހަރެން ލޯބިވާ އެތައް ބަޔަކަށް... މަންމަ، ބައްޕަ، މާމަ، ކާފަ، ޒެލް، ލޫކް، އެވަރުން ނުވެގެން އަހަރެންގެ ލޯބިވާ ކުޑަކުޑަ ދަރިފުޅަށްވެސް..."
"ނިޔަމްގެ މަންމަ މަރުވީމަ އަހަންނޭ ނިޔަމް ބަލާ ބޮޑުކުރީ... އަހަރެންގެ ގޭގަ، އަހަރެން ކެއްކީމަ ކައިގެންނޭ ތިވަރުވެފަ ތިހުރީ... އަހަރެން އެދުނީމަ އެވަރު ކަމެއް ކޮށްނުދެވޭތަ؟..." ނުޒުހަތު ހިތްހަމަނުޖެހިފައި ބުންޏެވެ. "އެހެންނޫނަސް، އެއީ ނިޔަމްގެ ކޮއްކޮއޭ..."
"އަހަރެމެން ދުރުކުރަން މަސައްކަތްކުރީވެސް ދައްތަ..." ނިޔަމް ގަދަކަމުން ނުޒުހަތުގެ އަތް ނައްޓުވައިލިއެވެ. އެއަށްފަހު އަވަހަށް ކާރަށް އެރިއެވެ.
ކާރު ދުއްވައިލިއެވެ. ފަހަތުން ނުޒުހަތު ދުވެފައި އައި މަންޒަރު ބަލަން އުނދަގޫވެގެން ނިޔަމް އިސްޖަހައިލިއެވެ. އޭރު އޭނާއަށް ރޮވެނީއެވެ. ހަގީގަތަކީ ހިތް ހަރުކުރަން އުޅުނަސް، ނިޔަމްގެ ހިތަކީ މަޑު ކަފަކޮޅެއް ކަހަލަ އެއްޗެކެވެ. ޒައިލް ނިޔަމްގެ އަތުގައި ހިފައި، ނިޔަމް ގަޔާއި ކައިރިކޮށްލިއެވެ. ނިޔަމް ކަންތައް ކުރީ އެންމެ ރަނގަޅަށް ކަމުގައި ބުނެދިނެވެ.
"އަހަރެން ކިހިނެއް އެމީހުންނަށް މާފުކުރާނީ؟..." ނިޔަމް ރޮމުން ވާހަކަ ދެއްކިއެވެ. "ދައްތަ ހާދަ ނުބައިކޮށްނޭ މަންމައަށް ކަންތައް ކުރީ..."
"އިޓްސް އޯކޭ... ޏަމް އޯކޭވީމަ ތިކަމާ ވިސްނާނީ... މިވަގުތު ތިކަމާ ނުވިސްނާ..." ޒައިލް މަސައްކަތްކުރީ ނިޔަމް ހަމައަކަށް އަޅުވާށެވެ.
ގޭގެ ދޮރު ހުޅުވީ ޒައިލްއެވެ. ނިޔަމްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅިލިއެވެ. ގޭތެރެ އޮތީ އަނދިރިކޮށެވެ. ނިޔަމް ބޮކި ދިއްލަން އުޅުމުން، ޒައިލް ނިޔަމްގެ އަތުގައި ހިފެހެއްޓިއެވެ. ހަމަހިމޭންކަމުން ދެމީހުންގެ ހިތުގެ ތެޅުމުގެ އަޑު އެކަކު އަނެކަކަށް އިވެމުން ދިޔައެވެ.
"މިތާ މަޑުކުރައްޗޭ!..." ޒައިލް އެދުނެވެ.
ނިޔަމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އުއްބައްތީގެ އޮރެންޖު އަލިން މުޅި ތަން ދިއްލިގެން ދިޔުމުންނެވެ. ގޭގެ މުށިތަކުގެ މަތީގައި ފިނިފެންމަލުގެ ފިޔައިން ދޫލަ އަޅާފައި ހުއްޓެވެ. އަނބިމީހާއަށް މަރުހަބާ ކިޔުމަށް ފާރުގައި ލިޔެފައިވާ ލިޔުންކޮޅު ފެނުމުން، ނިޔަމްއަށް ހިނިތުންވެލެވުނެވެ. ޒައިލް ނުކުތީ ނިޔަމްގެ ފުރަގަހުންނެވެ. އަތުގައި ރަތް ފިނިފެންމަލުގެ ގުލްދަސްތާއެއް އޮތެވެ.
"ވެލްކަމް ބެކް، މައި ބިއުޓިފުލް ވައިފް..." މާބޮނޑި ނިޔަމްއަށް ދިއްކޮށްލަމުން ޒައިލް ބުންޏެވެ.
މާބޮނޑީގައި ހިފުމުގެ ބަދަލުގައި ނިޔަމް ޒައިލްގެ ގައިގައި ބައްދައިލިއެވެ. އެފަދަ އުފާވެރިގޮތަކަށް ޒައިލް އޭނާއަށް މަރުހަބާ ކިޔާފާނެކަމަކަށް ނިޔަމް ހީވެސްނުކުރެއެވެ. ކުރެވުނީ ދެވަނަ ކައިވެންޏެވެ. އެހެނަސް، ނިޔަމްއަށް ހީވީ، އަލަތު ކައިވެނި ކުރެވުނު ހެންނެވެ. ދެ ހިތުގައި ޖަހަމުން ދިޔައީ އެއް ވިންދެކެވެ. ދެހިތުގެ ވިންދު އެކުވެގެންދާކަށް ގިނައިރެއް ނުނެގިއެވެ.
"ތޭންކް ޔޫ..." ނިޔަމްއަށް ބުނެވުނެވެ.
ދަތި އުނދަގޫ ދުވަސްތަކަކަށްފަހުގައިވެސް ޒައިލް އުއްމީދު ގެއްލުވައެއް ނުލިއެވެ. ނިޔަމް ހޯދުމަށް މަސައްކަތް ކުރިއެވެ. ނިޔަމް ފާޅުގައި ދެކޮޅުހަދަމުންދިޔަ ކަމުގައިވިޔަސް މެއެވެ.
"އަހަރެން ކިރިޔާވެސް ލަސްވިނަމަ، މިކުއްޖާ އަނބުރާ ލިބުނީސްތަ؟..." ދެއަތުގެ ތެރޭގައި ނިޔަމް ގައިދުކޮށްލަމުން ޒައިލް އަހައިލީ ނުހަނު ލޯބިންނެވެ.
"އަހަރެން ބޭނުންވާ މީހާއާ މެރީކޮށްގެން މިހުރީ..." ނިޔަމްގެ ދެކޯތާފަތަށް އޭނާގެ ހަށިގަނޑުގައިވި ހުރިހާ ލެޔެއް ޖަމާވި ކަހަލައެވެ. ލަދުން ދެކޯތާފަތް ރަތްވިއެވެ.
"އަހަރެންދެކެ ލޯބިވެޔޭތަ ތިބުނީ؟..." ޔަގީން ނުވެގެން ޒައިލް އަހައިލިއެވެ. "ބުނެބަލަ ލޯބިވެޔޭ... ހާދަ އުފަލެއް ވާނޭ..."
ޒައިލް އެހެން ބުނީ ނިޔަމް އެއްޗެއް ބުނާނެ ކަމަކަށް ނޫނެވެ. އެކުއްޖާ އިތުރަށް ލަދުގަންނުވައިލާށެވެ. ލަދުގަތުމުން، ނިޔަމްގެ މޫނަށް ވެރިވާ އަސަރުތައް ކިތަންމެ ގިނައިން ބަލަން ޖެހުނަސް، ޒައިލް ފޫއްސެއް ނުވާނެއެވެ. ޝައުގުވެރިކަމާއިއެކު ބެލޭނެއެވެ. ޒައިލް އުއްމީދުކުރިގޮތާއި ހިލާފަށް، ނިޔަމް ވަރަށް ލޯބިން ލޯބިވާ ވާހަކަ ބުނެލިއެވެ. އެއީ އޭނާގެ ދުލުން އެންމެ ފުރަތަމަ ޒައިލްދެކެ ލޯބިވާ މިންވަރު ހާމަކޮށްދިން ފަހަރެވެ. އެތައް ދުވަހަކަށްފަހު، އެ ޖުމުލަ ދުލާއި ހަމައަށް އައީ ނިޔަމް އެތައް ހިތްވަރެއްކޮށްގެންނެވެ. ޒައިލް ހުރީ އެ ޖުމުލަ އަޑު އަހަން ކެތްމަދުވެފައެވެ. އެތައް ދުވަހަކު އޭނާ އިންތިޒާރުކުރިއެވެ. ނިޔަމް ލޯބިވާ ވާހަކަ ނުބުނާތީ، ޝަކުވާނުކޮށް އެތައް ދުވަހަކު ކެތްކުރިއެވެ. މާޒީގައި ކުށް ކުރެވުމުން އެކުށުގެ އަދަބެއްގެ ގޮތުގައެވެ.
"އައި ލަވް ޔޫ ޓޫ... ދެން ދުވަހަކުވެސް މިކުއްޖާ ދޫކޮށެއް ނުލާނަން... އައި ޕްރޮމިސް..." ޒައިލް ދެލޯ މަރައިލިއެވެ.
(ނުނިމޭ)