ރާއްޖޭން ބޭރުގެ ދިވެހި އެމްބަސީތަކުގައި ސިޔާސީ މަގާމުތަށް އަދާކުރައްވާ ބޭފުޅުން، މި މަހު 18 ގެ ކުރިން ރާއްޖެ އައުމަށް ފޮރިން މިނިސްޓްރީން މިއަދު އަންގައިފިއެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ސަފާއަތު އަހުމަދު ޒާހިރު "ސަން"އަށް ވިދާޅުވީ، ރާއްޖޭން ބޭރުގައި ޚާރިޖީ ވަޒީފާ އަދާކުރައްވާ ބައެއް ބޭފުޅުން މި މަހު 18ގެ ކުރިން ރާއްޖެ ގެނައުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލައްވާފައިވާ ކަމަށެވެ.

އެހެންވެ، 61 ބޭފުޅަކަށް އެ ދުވަހުގެ ކުރިން ރާއްޖެ އައުމަށް ދަންނަވާފައިވާނެ ކަމަށް ސަފާތު ވިދާޅުވިއެވެ.

ބޭރުގައި ހުންނަ ބައެއް ދިވެހި އެމްބަސީތަކުގައި ސަރުކާރުގެ ބައެއް ވެރިންގެ އާއިލާ ބޭފުޅުންނާއި ގާތް ބޭފުޅުން ބައިތިއްބައިގެން ދައުލަތުން ބޮޑު ހޭދައެއް ކުރާ ކަމުގެ ކަންބޮޑުވުން ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަރަށް ބޮޑަށް ފާޅު ކުރިއެވެ.

ރާއްޖޭން ބޭރުގައި ތިބި ސިޔާސީ ބޭފުޅުން ރާއްޖެ އައުމަށް ޑރ. މުއިއްޒު އެދިލައްވާފައިވާއިރު، އާ ސަރުކާރުގެ ވެރިކަމާއި ހަވާލުވުމުގެ މަރުހަލާތަކަށް ތައްޔާރު ވުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

އެގޮތުން އާ ސަރުކާރު ކެބިނެތުގެ މަސައްކަތް ކުރެވެމުންދާއިރު ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތަށް ސަރަހައްދުގެ ގައުމުތަކުގެ ވެރިންނަށް ވަނީ ދައުވަތު އަރުވައިފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. ހުވާ ކުރުމުގެ ޖަލްސާގެ އިންތިޒާމުތައް އަންނަނީ މަޖިލީހުގެ އިދާރާއިން ހަމަޖައްސަމުންނެވެ.