ފުރުގާނު މިސްކިތުގައި ޝައިހު އިލްޔާސް ހުސައިން ދެއްވި ދަރުސަށް ބަޔަކު ރޭ ހުރަސް އަޅާފައިވާތީ ޕީޕީއެމުންގެ ފަރާތުން އެކަން ކުށްވެރި ކޮށްފިއެވެ.

ޕީޕިއެމުގެ އޮފީހުގައި ނުސްވެރިންނަށް މައުލޫމާތުދެއްވަމުން އެޕާޓީގެ ދީނީ ގޮފީގެ ރައީސް އަފްރާޝީމް އަލީ ވިދާޅުވީ ޝައިހު އިލްޔާސް ދީނީ ވައުޒު ވިދާޅުވަމުން ގެންދަވަނިކޮށް ހުރަސް އެޅީ "އެމްޑީޕިއަށް ނިސްބަތްވާ ބަޔަކު" ކަމަށެވެ. އަދި ވިދާޅުވީ އެމިސްކިތް ކައިރިއަށް ވަދެ ޝައިހަށް މަލާމަތްކޮށް ހަޑިހުތުރު އަވަގުރާނަ ގޮވާ މިސްކިތުފ ުރާޅަށް ގާއުކި އުކުން ޕީޕީއެމުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެފަދަ ކަންކަމަކީ ޝަރުއީ ގޮތުން ބަލާއިރު ކުރެވިގެން ވާނެ ކަންކަން ނޫން ކަމަށެވެ.

"އެމްޑީޕިއަށް ނިސްބަތްވާ ބަޔަކު އެމިސްކިތް ކައިރިއަށް ވަދެ ޝައިހަށް މަލާމަތްކޮށް ހަޑިހުތުރު އަވަގުރާނަ ގޮވާ މިސްކިތު ފުރާޅަށް ގާއުކި. އެފަދަ ކަންކަމަކީ ޝަރުއީ ގޮތުން ބަލާއިރު އިސްލާމީ އުސޫލުތަކާއި ރައްޖޭގެ ގާނުނުތަކަށް ބަލާއިރު ކުރެވިގެން ވާނެ ކަންތަކެއް ނޫން،" އަފްރާޝީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުގެ ތެރެއިން ދީން ބޭނުން ކުރަނީ ވަރަށް ލާދީނީ ގޮތަށް ކަމަށާއި އެމަނިކުފާނު ވެރިކަމުގައި ވެސް އިސްލާމް ދީންގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.

"ދީނުގެ އެންމެ ބޮޑަށް ހުރުމަތްތެރިވެގެންވާ އެއްތަނަކީ މިސްކިތް. ރާއްޖޭގެ މިސްކިތަތްކުގެ ހުރުމަތް ކަނޑައިފި. ކޮންމެ ހެން އިލްޔާސް ހުސެއިނަށް ނަފްރާތު ކުރަނީ ކަމަށް ނުވެދާނެ. އެހެންނަމަވެސް ދީނީ ވާހަކަތަކެއް ދައްކާތީވެ އެވާހަކަ ދެއްކުން ހުއްޓުވާލަން ރާއްޖޭގެ ރައްޔިތުންގެ ހިތުގައި ދީނަށް އޮންނަ ލޯބި ކަނޑުވާލައި ދީނުގެ ހުރުމަތް ކަނޑާލީ،" އަފްރާޝީމް ވިދާޅުވި އެވެ.

އޭނާ ވަނީ ކުރިންވެސް ތަކުރާރުކުރެއްވި ގޮތަށް ރައީސް ނަޝީދަކީ ލާދީނީ ވިސްނުމުގެ ލާދީނީ ފިކުރުގެ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

ރޭ އިލްޔާސް ފުރުގާނު މިސްކިތުގައި ދަރުސް ދެއްވަނިކޮށް ބަޔަކު ވަނީ އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކޮށްފަ އެވެ. އަދި އެކަން ހަމައަކަށް އަޅުވާފައިވަނީ އެސަރަހައްދަށް ފުލުހުން ގޮސްގެންނެވެ. އެ މައްސަލައާއި ގުޅިގެން ފަސް މީހަކުވަނީ ފުލުހުން ހައްޔަރު ވެސް ކުރި އެވެ.

މާލޭހިޔާ ހުންނަ ކޮށީގައި ވަގުތީ ގޮތުން ގާއިމުކޮށްފައިވަ މިސްކިތުގައި ރޭ އިލްޔާސް ދަރުސެއް ދެއްވި އިރު އައްޑު އަތޮޅުގެ މިސްކިތެއްގައި އޭނާ ދަރުސެއް ދެވަން އެދުމުން މިސްކިތުގެ ހުރުމަތް ކެނޑޭނެ ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުއްދަ ނުދީފަ އެވެ.

ފުރުގާނު މިސްކިތުގައި އިލްޔާސްގެ ދަރުސެއް މިރޭ ވެސް އޮވެ އެވެ.