އެން.ބީ.އޭ. ބާސްކެޓް ބޯޅަ މުބާރާތުގައި އިންޑިއާނާ ޕޭސާސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު ޕޭސާސް ކާމިޔާބުކޮށްފިއެވެ.

އިންޑިއާނަޕޮލިސްގެ ގެއިން ބްރިޖް ފީލްޑްހައުސްގައި ކުޅުނު މިމެޗް ޕޭސާސް ކާމިޔާބުކުރީ 126 ޕޮއިންޓް 124 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ކްއާޓާގައި ޕޭސާސް ފެނިގެންދިޔައީ އާދަޔާ ހިލާފަށް ވަރުގަދަ ކޮށެެވެ. މިގޮތުން ފުރަތަމަ ކުއާޓާ ޕޭސާސްއިން ނިންމާލީ 14 ޕޮއިންޓްގެ ލީޑަކާއެކުއެވެ. ނަމަވެސް ދެވަނަ ކްއާޓާގައި ބަކްސްއިން އެ ޓީމްގެ ކުޅުން ރަނގަޅުކޮށް މެދަށް ހުއްޓަންވާއިރަށް މިފަރަގުވަނީ ހަ ޕޮއިންޓަށް ތިރިކޮށްފައެވެ. އަދި ތިންވަނަ ކްއާޓާ ނިމުނު އިރު މިފަރަގު އެއް ޕޮއިންޓަށް ކުޑަކޮށް ފަހު ކްއާޓާގައި ބަކްސްއިން ވަނީ 10 ޕޮއިންޓްގެ ލީޑެއްވެސް ނަގައިފައެވެ. ނަމަވެސް ޕޭސާސްއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ ދެ ޕޮއިންޓްގެ ތަފާތަކުން މި މެޗް ކާމިޔާބު ކުރުމެވެ.

މި މެޗްގައި ޕޭސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ 10 އެސިސްޓް ދިން ޓައިރީސް ހަލިބާޓަންއެވެ. އަދި ބެނެޑިކްޓް މަތޫރިންވަނީ 26 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދީފައެވެ. މި މެޗްގައި ބަކްސްއަށް އެންމެ މޮޅު ކުޅުމެއް ދައްކަދިނީ 54 ޕޮއިންޓް ހޯދައިފީ 12 ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ. މިއީ މިފަހަރުގެ ސީޒަންގައި ކުޅުންތެރިއަކު މިހާތަނަށް ހެދި އެންމެ މަތީ ސްކޯއެވެ. އަދި މި ވަރަށް ޕޮއިންޓް ހޯދައިދިނުމާއެކުވެސް މި މެޗުން ބަކްސް ބަލިވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިގެން ގޮސްފައެވެ.

މި މުބާރާތުގައި އެޓްލާންޓާ ހޯކްސް އާއި އޯލާންޑޯ މެޖިކް ބައްދަލު ކުރި މެޗް އެންމެ ޕޮއިންޓެއްގެ ތަފާތުން ކާމިޔާބުކުރީ ހޯކްސްއެވެ. މި މެޗް ހޯކްސް ކާމިޔާބުކޮށްފައިވަނީ ރަށުން ބޭރުގައި ކުޅެ 120 ޕޮއިންޓް 119 ޕޮއިންޓުންނެވެ. މި މެޗްގައި ހޯކްސްގެ ޓްރެއި ޔަންގް ވަނީ 41 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ އަށް އެސިސްޓް ކޮށްފައެވެ. އަދި މެޖިކްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންތް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޕައޮލޯ ބަންޗޭރޯއެވެ.