11 Nov 2023, 11:43
ބިލީ ޖީން ކިންގް ކަޕްގެ ސެމީފައިނަލުން ކެނެޑާ ޖާގަހޯދައިފިއެވެ.
މިއީ 1988 ވަނަ އަހަރަށް ފަހު މިމުބާރާތުގެ ސެމީފައިނަލުން ކެނެޑާއަށް ޖާގަ ހޯދުނު ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ސެމީފައިނަލުން ކެނެޑާ ޖާގަހޯދީ ގްރޫޕް ސީގައި ސްޕެއިން އާއި ޕޯލަންޑް އާއި ވާދަކޮށް ގްރޫޕްގެ އެއްވަނަ މަގާމް ހޯދައިގެންނެވެ. މި މުބާރާތުގައި ރޭ ޕޯލަންޑާއި ވާދަކޮށް ކެނެޑާއިންވަނީ ސީދާ ތިނެއް ސުމަކުން ކާމިޔާބުކޮށްފައެވެ.
މި ގޮތުން ސިންގަލްސް ފުރަތަމަ މެޗްގައި ކެނެޑާގެ މަރީނާ ސްޓަކުސިޗް އާއި ޕޯލަންޑްގެ މަގްޑަލޭނާ ފްރެޗް ބައްދަލުކުރިމެޗް ހަތަރެއް ހައެއް، ހަތެއް ފަހެއް އަދި ހައެއް ތިނަކުން ކާމިޔާބުކުރީ ސްޓަކުސިޗްއެވެ. އަދި ދެވަނަ މެޗްގައި ކެނެޑާގެ ލޭލާ ފެނާންޑޭޒް ވަނީ ސީދާ ދެސެޓުން ޕޯލަންޑްގެ މަގްޑާ ލެނެޓް ބަލިކޮށްފައެވެ. އެއީ ހައެއް ދެއެއް އަދި ހައެއް ތިނަކުންނެވެ. އަދި މިކުރިމަތިލުމުގައި ހިމެނުނު ޑަބަލްސް މެޗް ކެނެޑާގެ ގެބްރިއެއްލާ ޑަބްރޯސްކީ އާއި އިއުޖީނީ ބޮއުޗާޑް ވަނީ ސީދާ ދެ ސެޓުން ޕޯލަންޑްގެ ވެރޯނިކާ ފަލްކޯވްސްކާ އާއި ކަޓަޒީނާ ކާވާ ބަލިކޮށްފައެވެ.
މި ކާމިޔާބީއާއެކު ގްރޫޕްގެ ސީގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލްގެ ޖާގައެއް ކެނެޑާއިން ހޯދިއިރު ސެމީފައިނަލްގައި އެ ޓީމާ ޖެހޭނީ ގްރޫޕް އޭއިން އެއްވަނައަށް ދާ ޓީމަކާއެވެ. ގްރޫޕް އޭ އިން އެއް ވަނަ ކަނޑައެޅިގެންދާނީ އެމެރިކާ އާއި ޗެކްރިޕަބްލިކްގެ މެދުގައި ކުޅުމަށް ހަމަޖެހިފައވާ ކުރިމަތިލުމަށް ފަހުއެވެ.
ކެނެޑާގެ އިތުރުން އިޓަލީވިލާތުންވެސް ވަނީ މި މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދައިފައެވެ. އެ ޓީމް ވަނީ ގްރޫޕް ޑީގައި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާ ބައްދަލުކޮށް ކާމިޔާބީ ހޯދައިފައެވެ. މި ގޮތުން ފަރަންސޭސީން އަތުން ދޭއް އެކަކުން ކުރި ހޯދި އިރު ޖަރުމަނުވިލާތް ބަލިކުރީ ތިނެއް ސުމަކުންނެވެ.