11 Nov 2023, 17:46
ގޫގުލްގެ އޭއައި ޗެޓްބޮޓް 'ބާޑް'އާ ގޫގުލް އެސިސްޓެންޓާ ގުޅާލުމަށް މަސައްކަތްކުރަމުން ދާކަމަށް ގޫގުލްއިން ބުނެފިއެވެ.
މި މަސައްކަތާއެކު ގޫގުލްގެ އަމާޒަކީ ދުނިޔޭގެ އެތައް ބިލިއަން ބަޔަކު ބޭނުންކުރާ އުފެއްދުމަކަށް އެ ކުންފުނީގެ އާ ކޮންވަޒޭޝަނަލް އޭއައި ސިސްޓަމް ބާޑް ހެދުން ކަމަށް އެ ކުންފުނީގެ ޑިރެކްޓަރަކު ވިދާޅުވެއްޖެއެވެ.
ބާޑްގެ އޭއައި ގާބިލްކަން ގޫގުލްގެ ބޮޑު ޔޫޒަ ބޭސްއަށް ތައާރަފުކުރުމަކީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ފަދަ ވާދަވެރި ޗެޓްބޮޓްތަކާ އަޅާބަލާއިރު، މި ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވާނެ ކަމެކެވެ. މިކަމުގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ގޫގުލްގެ އުންމީދުތައް އިތުރުވެގެންދާއިރު، މައި ކުންފުނި އަލްފަބެޓް މިހާރު ބޭނުންކުރާ ހަ ބިލިއަންގެ ޔޫޒާ ބޭސް ވެސް ފުޅާވާނެއެވެ.
ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ލޯންޗުކުރި ފަހުން ބާޑަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މިގޮންޖެހުންތަކުގެ ތެރޭގައި، ބާޑް ބޭނުންކުރާ މީހުން ގިނަވުމުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަލަދިމާވެ ބާޑްގެ ޚިދުމަތްތަކަށް ބުރޫ އެރުން ހިމެނެވެ.
ބާޑް އިން އާމްދާނީ ހޯދުމަށް ގޫގުލްއިން އަދި މިހާތަނަށް މާބޮޑު ޕްލޭނެއް ހަދާފައި ނެތްކަމުގައި ވިޔަސް، ރޮއިޓާސް ނެކްސްޓް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ބާޑްގެ ޕްރޮޑަކްޓް ލީޑް ޖެކް ކްރައުޒިކް ވިދާޅުވީ ބާޑަކީ ސަބްސްކްރިޕްޝަން ނުވަތަ އިޝްތިހާރުތަކަށް މުސްތަގުބަލުގައި ހުރި ފުރުސަތުތައް ހުށަހަޅައިދޭ ކުންފުންޏެއް ކަމަށެވެ. މިވަގުތަށް އެންމެ ބޮޑު އިސްކަމެއް ދެނީ ގޫގުލްގެ އިކޯސިސްޓަމްގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކަށް ހިލޭ ޚިދުމަތް ދިނުމަށް ބާޑްގެ ގާބިލްކަން އިތުރުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.