19 May 2012, 16:08
މުސްލިމް ޓޫރިސްޓުންނަށް އަމާޒުކޮށްގެން މި މަހު ފަހުކޮޅު މެލޭޝިޔާގައި ބާއްވާ ފެއާއެއްގައި ބައިވެރިވުމަށް ރާއްޖެއިން ނިންމައިފި އެވެ.
މިއީ މިފަދަ ފެއާއެއްގައި ރާއްޖެ އިން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މި މަހުގެ 31 ވަނަ ދުވަހުން އަންނަ މަހުގެ ދޭއްގެ ނިޔަލަށް މެލޭޝިއާގެ ކުއާލަމްޕޫރުގައި ބާއްވާ މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓުރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވީ އިސްލާމިކް ޓޫރިޒަމަކީ ވަރަށް ކުރިއަރަމުން އަންނަ ޓޫރިޒަމެއް ކަމަށާއި އެހެން ކަމުން އެ ދާއިރާ އިން ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެފެއާގެ ސަބަބުން އެހީތެރިކަން ލިބިގެން ދާނެ ކަމަށެވެ.
"ރާއްޖޭގައި ޓޫރިޒަމް ދާއިރާގެ ވަރަށް ގިނަ ސެގްމެންޓްތަކެއް މިހިރީ އެގޮތުން ޑައިވިން، ހަނީމޫން، އެފަދަ އިން ވަރަށް މީހުންގެ ޝައުގުވެރިކަން ލިބެމުން އަންނަ ދާއިރާއެއް މުސްލިމް ޓުރެވަލާސް އަކީ ވެސް،" މަލީހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެތެރޭ ރަށްރަށުގައި ފަތުރުވެރިކަން ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ މުސްލިމް ފަތުރުވެރިންނަކީ އެފަދަ މާކެޓްތަކަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތަކެއް ކަމަށެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ފެއާގައި ކޮންފަރެންސެއްގެ އިތުރުން ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ގަނެވިއްކާ ފަރާތްތަކުން މާކެޓް ހޯދުމަށް އެކިއެކި ފަރާތްތަކާ މަޝްވަރާކުރުން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.