ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކޮށްފައިވާ މެއިޑު، އޭނާ މަސައްކަތް ކުރާ ގޭގެ މީހުން އޭނާއަށް އަނިޔާ ކުރި ކަމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބުނެފިއެވެ.

އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސަންދީޕު ކޯރު ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ބާވީސް އަހަރުގެ އެ އަންހެން މީހާގެ ބަންދަށް މިދިޔަ މަހުގެ 25ގައި ވަނީ 15 ދުވަސް ޖަހާފައެވެ.

އޭގެ ފަހުން އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަނެއްކާ ވެސް އެ ކޯޓުން ވަނީ އޭނާއަށް 15 ދުވަސް ޖަހާފައެވެ. އެއީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެ އަޑުއެހުމުގައި ސަންދީޕް ކޯރު ބުނެފައި ވަނީ އޭނާގެ އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށާއި ވަކީލަކު ހަމަޖެއްސުމުގެ ތަނަވަސްކަން ވެސް ނެތް ކަމަށެވެ.

މީގެ އިތުރުން، އޭނާ މަސައްކަތް ކުރާ ގޭގެ ފިރިހެން މީހާއާއި އަންހެން މީހާ އޭނާއަށް އަނިޔާކުރާ ކަމަށާއި މުސާރަ ވެސް ނުދީ، ބަލިވެ އުޅޭ އިރު ވެސް ގަދަކަމުން މަސައްކަތް ކުރުވާ ކަމަށް ބުނެފައިވެއެވެ. އަދި ކާންވެސް ނުލިބޭ ކަމަށާއި އިންޑިއާއަށް ދާން ބޭނުންވާ ކަމަށް ބުނުމުން ދުވަހަކު ވެސް އަނބުރާ ނުފޮނުވާނެ ކަމަށް އެ ގޭގެ މީހުން ބުނި ކަމަށް، ސަންދީޕް ބުންޏެވެ.

އެ އަޑުއެހުމުގައި އޭނާ ވަނީ، ކުއްޖާގެ ގައިގައި އަތްލައިފައިވާނެ ކަމަށް އެއްބަސްވެފައި ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

މި ފަހަކަށް އައިސް، ކުޑަކުދިން ބަލަން ވަރަށް ގިނަ ގޭގޭގައި ބޭރު މީހުން ގެންގުޅެއެވެ. އެ މީހުންގެ ފަރާތުން ކުދިންނަށް ގޯނާވާ ކަމުގެ ޝަކުވާތައް މަދުން ނަމަވެސް ލިބެއެވެ.