ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރިއަށް ދާނެ ގޮތާމެދު ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބެއް ކަމަށާއި، އެ ހުކުމުން ނާކާމިޔާބުވީ ޑިމޮކްރެޓުން މަޖިލީހުގައި މަރުތަޅު އަޅުވަން ކުރި މަސައްކަތްކަމަށް މަޖިލިސް މެޖޯރިޓީ އޮންނަ އެމްޑީޕީން ބުނެފިއެވެ.

އިއްޔެ ސުޕްރީމް ކޯޓުންވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އެ މެންބަރުންނަށް ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ބުނެ ހުކުމްކޮށްފައެވެ.

އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނު ނަމަވެސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ނިންމައިފައެވެ.

އެ ކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެ ހުކުމުން ހާމަވީ އެމްޑީޕީ ފެއިލްވީ ކަމަށެވެ.

އެއަށް ރައްދުދީ އިއްޔެ އެމްޑީޕީން ނެރުނު ބަޔާނުގައި ވަނީ، އެ ޙުކުމަކީ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމަށް ކުރާ މަސައްކަތް ހުއްޓުވައި މަޖިލީހުގައި 'މަރުތަޅު' އެޅުވުމަށް މަދު މެމްބަރުންތަކެއް ކުރާ މަސައްކަތާ ދެކޮޅަށް ލިބުނު ކާމިޔާބެއްކަމަށް ސިފަކޮށްފައެވެ.

އަދި އެ ޕާޓީން ބުނީ ސުޕްރީމް ކޯޓުގެ ހުކުމަކީ ގާނޫނު އަސާސީގެ ސިޔާދަތު ކަށަވަރުކޮށްދިން ހުކުމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ނަގަހައްޓައިދިން ހުކުމެއް ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީން ބުނީ، އުއްމީދަކީ ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ގަވައިދާ ޚިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރުން ކަމަށެވެ. އަދި އެއްވެސް ފަރާތަކުން، މަޖިލީހުގެ މެޖޯރިޓީއިން ކަންކަން ނިންމަން ހުރަސް ނޭޅުމަށް އެދޭކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކުރުމުގެ މަސައްކަތަށް ހުރަސްއެޅުމަށް ކުރާ ކޮންމެ ކަމެއް ހުއްޓުވުމަށް އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި އަންނަ އާދިއްތަ ދުވަހަށް މިހާރު ވަނީ އެޖެންޑާކޮށްފައެވެ.