ޖަޒާ ލިބުން އޮތީ ހިތުގެ ނުބައިކަމާއި ރަނގަޅުކަމުގެ މައްޗަށްކަމަށާއި ޤިޔާމަތް ދުވަހުން ސަލާމަތްކަމާއި، އަމާންކަން ލިބޭނީ، ހިތް ރަނގަޅު ކުރެވުނު މިންވަރަކަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ، މާތް ﷲ އިންސާނާ ހައްދަވާފައި ވަނީ މާއްދީ ހަށިގަނޑަކާއި، ރޫހާނީ ފުރާނައަކާ އެކު ކަމަށެވެ. އިންސާނާއަށް މި ހަޔާތުގައި އޭނާގެ ދައުރު ފުރިހަމައަށް އަދާކުރެވޭނީ، ރޫހާނީ ބަޔަށް އިސްކަންދީ، އެބައި ފުރިހަމަ ކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ﷲގެ ފޮތަށް ބަލާއިރު ހިތްތަކުގެ ހާލަތްތަކެއް ބަޔާންކުރައްވާފައި ވާކަމަށެވެ. އެއް ހިތަކީ ސަލާމަތުންވާ ހިތެވެ. އޭގެ މާނައަކީ، އެ ހިތުގައި ކުފުރުގެ އެއްވެސް ކިލަނބުކަމެއް ނެތި، ނިފާޤުގެ އެއްވެސް އަސަރެއް ނެތް، ޝަޚްވަތުތަކާއި، ފުރެދުންތަކުން އެއްކިބާ ވެފައިވާ ހިތެވެ.

ހިތްތަކުގެ އަނެއް ހާލަކީ ﷲއަށް ކާފިރުވެ، ﷲގެ ބަސްފުޅުތަކަށް އުރެދުމުގެ މަތީގައި މަރުވި ހިތެވެ. ތިންވަނަ ހާލަތަކީ ބަލިމަޑުކަމުގައި ވާ ހިތެވެ.

"އެއީ އީމާންކަން މަތީ ސާބިތުވެ ނޯވެވި، މުނާފިގުކަން އެ ހިތުގައި އެނބުރޭ ހިތެވެ. މުށްވަރެއްހައި ކުޑަކުޑަ މި ބިންކޮޅުގައި، އީމާންކަމުގެ ގަސް އިންދާ މަތިވެރި އަޚްލާގުގެ ކާދުން އެ ގަހަށް ފެންދީ ހައްދައިފި ނަމަ، އެ ގަހުގައި އަޅާނެ މޭވާއަކީ، ނުބައި އަމަލުތަކެވެ. އެ ގަސް ވާނީ ޖަހަންނަމައިގެ ދަރަށެވެ. މި ދަރުން އެންމެ ފުރަތަމަ އަނދައިގެން ދާނީ މި ގަސް އިންދި މީހަގެ އަތެވެ،" ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، އިންސާނާގެ ހެޔޮކަމުގެ ނާރެހަކީ ހިތް ކަމަށެވެ. ﷲ ބައްލަވާވޮޑިގެންވާ ތަނަކީ ހިތެވެ. އެހެންކަމުން ކޮންމެ އިންސާނަކު ވެސް އޭނާގެ ހިތް ރަނގަޅުކޮށް، އިސްލާހު ކުރުމަށާއި، ހެޔޮ ޢަމަލު ކުރުން މަތީ ދެމިތިބެން ވާނެއެވެ. ހިތް އިސްލާހުކުރަންވާނީ އޭނާގެ ދުނިޔެއާއި އާޚިރަތް ރަނގަޅުކޮށްދޭނެ މަންހަޖާ އެއްގޮތަށް ކަމަށް ޚުތުބާގައި ބުންޏެވެ.

"މި މަންހަޖު ބިނާވެފައި ވަނީ އަންނަނިވި ކަންކަމުގެ މަތީގައެވެ. ފުރަތަމަ ކަމަކީ ފިތުނަ ފަސާދައިން މި ހިތް ހިމާޔަތްކޮށް ރައްކާތެރިކުރުމެވެ. ﷲއަށް އުރެދުމުން މި ހިތް ރައްކާތެރި ކުރުމެވެ. ތެދުމަގުގައި މި ހިތް ދެމެހެއްޓުމެވެ. ދެވަނަ ކަމަކީ، ދުނިޔެއަކީ، އާޚިރަތަށްޓަކާ މާތްﷲ ލައްވަވާފައިވާ ވަސީލަތެއް ކަމަށް ދުށުމެވެ. ދުނިޔެއަށް ހެއްލުންތެރި ނުވުމެވެ،" ޚުތުބާގައި ބުންނެވެ.

ތިންވަނަ ކަމަކީ ހިތް ގާވިޔަ ނުދިނުމަށް ޓަކައި އެ ހިތަށް ދޭންޖެހޭ އެންމެ ފުރިހަމަ ފަރުވާ ދިނުމެވެ. އެއީ ﷲ ހަނދުމަކުރުން މަތީ ދެމިހުރުމެވެ.