10 Nov 2023, 13:19
ޑޮލަރުގެ ކަޅު ބާޒާރުގައި ދިވެހި ރުފިޔާއަށް ޑޮލަރު ވިއްކާ ރޭޓުތައް 18 ރުފިޔާއަށްވުރެ މަތިވެ، ވިޔަފާރިކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ރަސްމީކޮށް ބޭންކުން ޑޮލަރު ވިއްކާ ރޭޓަކީ އަދިވެސް 15.42 ރުފިޔާއެވެ. ނަމަވެސް ބޭންކުން ޑޮލަރު ދޫކުރަނީ ވަކި މިންވަރަކަށެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެންމެ ގިނައިން އޭޓީއެމް ނުވަތަ ބްރާންޗް މެދުވެރިކޮށް ނެގޭނީ 1،600 ޑޮލަރުކަމުގައި ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ކަނޑައަޅައިފައެވެ.
އެހެންވެ، އެއަށްވުރެ އިތުރަށް ޑޮލަރު ބޭނުންވާ ވިޔަފާރިވެރިން ނުވަތަ ދަތުރުވެރިން، ޑޮލަރު ހޯދުމުގައި އެހެން ބައެއް ގޮތްތައް ބޭނުން ކުރެއެވެ.
އޭގެ ތެރެއިން އެއް ގޮތަކީ ފައިސާ އެކްސްޗޭންޖް ވައިބާ ކޮމިއުނިޓީ ގްރޫޕުތަކުގައި ޑޮލަރުގެ މުއާމަލާތްތައް ހިންގުމެވެ. ޑޮލަރު ވިޔަފާރިކުރާ ބައެއް ވައިބާ ގްރޫޕުތަކުގައި ޑޮލަރު ވިއްކާކަމަށް އިޝްތިހާރުކުރާ އަގުތަކަށް ބަލާއިރު، މިހާރު އެ އަގުތައް ހުރީ 18.10 ލާރިއާއި 18.90 ލާރިއާ ދެމެދެވެ.

ވައިބާގައި ޑޮލަރު ވިއްކާ ގްރޫޕެއްގައި ހުރި އަގުތަކުގެ އިޝްތިހާރެއް --
މިއީ ބޭންކު ރޭޓާ އަޅައިބަލާއިރު ގާތްގަނޑަކަށް 2.68 ރުފިޔާގެ އިތުރުވުމެކެވެ. މި ވިޔަފާރިކުރާ ގިނަ ބަޔަކު ބުނި ގޮތުގައި މީގެ ކުރިން އަދި މިހާ ބޮޑަށް ކަޅު ބާޒާރުގައި އެ ރޭޓު އަދި މަތިނުވެއެވެ.
"އަޅުގަނޑުމެންނަށް އަސްލު ހަގީގަތުގައި ވަރަށް ބޮޑު އެއްޗެއް އަތުން އެބަ ދުއްވާލަންޖެހޭ މިހާރު ޑޮލަރު ކޮޅެއް ހޯދަން. 18 ރުފިޔާއަކީ ވަރަށް ބޮޑު. މީގެ ކުރިން މިހާ މަތި ނުވޭ އަދި މި އަގުތަކެއް. ވަރަށް ބޮޑަށް ގެއްލުމާ ކުރިމަތިލާން ވެސް އެބަޖެހޭ މިހެންވީމާ،" ކަންބޮޑުވުން ފާޅުކޮށް "ސަން"އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.
ޑޮލަރުގެ ކަޅު ބާޒާރުގައި ރޭޓުތައް މަތިވުމުގެ އެންމެ ބޮޑު ސަބަބަކީ ޑޮލަރު ހޯދަން އޮންނަ ޑިމާންޑު ބޮޑުވުމެެވެ. އަދި އެ ޑިމާންޑާ އެއްވަރަށް ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ހިފެހެއްޓުންތަކެއް ނުވަތަ ލިމިޓޭޝަންތަކެއް ހުރުމެވެ.
ރާއްޖޭގައި ފޮރިން އެކްސްޗޭންޖް މާކެޓުގެ ކަންކަން ރަނގަޅަށް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ޓަކައި ހަރުދަނާ ގާނޫނީ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން އިގްތިޞާދީ މާހިރުން ފާޅުކުރެއެވެ.
އެހެންވެ ހަމަ އަގުގައި ޑޮލަރު ލިބުމުގެ ތާށިކަން ބޮޑުވެ ނުއަގުގައި ޑޮލަރު ގަންނަން އާންމުންނަށް މަޖުބޫރުވެއެވެ.