އެކި ރަހަތަކާއި، ތަފާތު ގޮތްގޮތަށް ތައްޔާރުކުރާ ޕިއްޒާ އެކި ޤައުމުތަކުގައި ލިބެންހުރެއެވެ. އެހެންނަމަވެސް ޕިއްޒާގެ ރަހަތަކުގެ ތެރެއަށް މިފަހަރު މިއައީ ހީވެސްނުކުރާ ފަދަ ރަހައެކެވެ. އެއީ ހަރުފަ ޕިއްޒާއެވެ.

ހޮންކޮންގެ ޕިއްޒާ ހަޓުން ވަނީ ހަރުފަ ޕިއްޒާ ކާހިތްވާ ފަރާތްތަކަށް އެ ޕިއްޒާ ލިބޭނެ މަގު ފަހިކޮށްދީފައެވެ.

ޕިއްޒާ ހަޓުން މި ޕިއްޒާ ތައްޔާރުކުރަނީ، ހޮންކޮންގެ ޒަމާންވީ ސަޤާފީ ރެސްޓޯރަންޓެއް ކަމަށްވާ ސަރ ވޮންގ ފަންއާ ގުޅިގެންނެވެ. އެގޮތުން ހޮންކޮންގާއި ޗައިނާގެ ރައްޔިތުންގެ މެދުގައި މަޤްބޫލު ޑިޝްއެއް ކަމަށްވާ ސްނޭކް ސްޓޫ ހެދުމަށް ބޭނުންކުރާ ބާވަތްތަކަށް ޒަމާނީ ރަހަތަކާއެކު ބަދަލުތައް ގެނެސް މި ޕިއްޒާ ތައްޔާރުކުރަނީ، ކޮށާފައި ހުންނަ ހަރުފަ މަހާއި، ބްލެކް މަޝްރޫމާއި، ޗައިނީސް ހޭމް ބޭނުންކޮށްގެންނެވެ. އަދި އާއްމުކޮށް ޕިއްޒާގައި ބޭނުންކުރާ ޓޮމާޓޯ ސޯސްގެ ބަދަލުގައި މިޕިއްޒާގައި ބޭނުންކުރަނީ އަބަލޯނީ ސޯސްއެވެ.

ސްނޭކް ސްޓޫއަކީ، ފިނި މޫސުމުގައި ޗައިނާއާއި ހޮންކޮންގުގެ ރައްޔިތުން ޢާއްމުކޮށް ބޭނުންކުރާ، އެ މީހުންގެ މެދުގައި ވަރަށް މަޤްބޫލު ސޫޕެކެވެ. ހޮންކޮންގުގެ މީހުން ޤަބޫލުކުރާގޮތުގައި ހަރުފަ މަހަކީ، ހަންގަނޑަށް ފައިދާހުރި، އަދި ހަށިގަނޑަށް ހޫނުކަން ލިއްބައިދޭ މަހެކެވެ. ދެކުނު އިރުމަތީ އޭޝިޔާގެ އެހެން ޤައުމުތައް ކަމަށްވާ ވިއެޓްނާމާއި، ތައިލެންޑްގައިވެސް ހަރުފަ މަސް ކާން ބޭނުންކުރެއެވެ.