19 May 2012, 15:40
މާވަހަރު ބެހުމާ މެދު އޮޑިވެރިޔާ އާއި ކެޔޮޅު މީހާއާ ދެމެދު މައްސަލަ ޖެހިފައިވަނިކޮށް ހުވަދޫ ކަނޑުން ހޮވި 20 ކިލޯ އަށް ވުރެ ބަރު މާވަހަރު، ގްރާމެއް 52.5 ޑޮލަރުގެ ރޭޓުން ވިއްކުމަށް އޮޑިވެރިޔާ އާއި ކެޔޮޅު ނިންމައިފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން "ނަސްރު" ދޯނީގެ ކެޔޮޅުގެ ވަކީލު އަބްދުﷲ ޝިޔާޒު މިއަދު ވިދާޅުވީ މާވަހަރުގެ ކޮންމެ ގްރާމެއް 52.5 އެމެރިކާ ޑޮލަރުގެ ރޭޓުން 16.19 މިލިއަން ރުފިޔާ އަށް ވިއްކުމަށް ކެޔޮޅާއި އޮޑިވެރިޔާ، މ. ޑްރީމްއޮފްގާޑަން މުހައްމަދު އަނީލްއާ ދެމެދު އެއްބަސްވެވިފައި ވަނީ ރޭގައި ކަމަށެވެ.
"ރޭ ދެ ފަރާތުގެ ހާޒިރުގައި ވަނީ ބިޑު ކްލޯޒްކޮށްފައި، 52.5 އެމެރިކާ ޑޮލަރަށް ގްރާމެއްގެ ރޭޓުން. މިހާރު ވެސް ފައިސާ ހަމަޖައްސާފައި އަންނަ އިރަށް މާވަހަރު ހަވާލު ކުރެވޭނެ. ދިހަ ދުވަހުގެ މުއްދަތެއް އެފަރާތަށް ދީފަ އޮތީ މާވަހަރާ ހަވާލުވުމަށް،" ޝިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެޔޮޅާއި އޮޑިވެރިޔާއާ ބައްދަލުކޮށް ބިޑު ކްލޯޒްކޮށްފައިވާ އިރު، މާވަހަރު ވިއްކާނެ މީހަކު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ މައުލޫމާތު އަދި ހާމަކުރެވެން ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ދިހަ ދުވަހުގެ ތެރޭގައި ފައިސާ ހިފައިގެން އައުމުން މާވަހަރު ހަވާލު ކުރާނެ ކަމަށް މާވަހަރު ވިއްކަން ނިންމާފައިވާ މީހާ އަށް މިހާރު އަންގާފައިވާ ކަމަށެވެ.
މާވަހަރު ވިއްކުމަށް އެއްބަސް ވެފައި މިވަނީ މާވަހަރު ވިއްކުމާ މެދު އޮޑިވެރިޔާ އާއި ކެޔޮޅާ ދެމެދު ޚިޔާލުތަފާތުވުންތަކެއް އުފެދި މައްސަލަ ކޯޓަށް ވެސް ވައްދާފައި ވަނިކޮށެވެ.