ރަހީނުކުރިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ލިވަޕޫލުގެ ކޮލަމްބިއާ ފޯވަޑް ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލައިފިއެވެ.

ކޮލަމްބިއާގައި ޑިއާޒްގެ ބައްޕަ ލުއިސް މެނުއަލް ޑިއާޒާއި މަންމަ ސިލެނިސް މަރުލަންޑާ، ރަހީނުކޮށްފައިވަނީ ހަތިޔާރާއެކު ތިބި ދެ މީހަކު ވެހިކަލެއްގައި އައިސް، އެމީހުން ދިރިއުޅެމުންދިޔަ ގެއަށް ވަނުމަށްފަހުއެވެ. އެމީހުން ރަހީނުކުރީ ކޮލަމްބިއާގެ ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ލިބަރޭޝަން އާމީ (އީއެލްއެން) އިންނެވެ.

ރަހީނުކުރިތާ ގިނަ އިރުތަކެއް ނުވެ، ޑިއާޒްގެ މަންމަ ދޫކޮށްލި ނަމަވެސް، އޭނާގެ ބައްޕަ ދޫކޮށްލައިފައެއް ނުވެއެވެ. ޑިއާޒްގެ ބައްޕަ ހޯދުމަށް ކޮލަމްބިއާގެ ފުލުހުންނާއި ސިފައިން ވެސް މަސައްކަތްކޮށް، މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ވެސް ހުށަހެޅިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އީއެލްއެން އިން މިހާރު ވަނީ ޑިއާޒްގެ ބައްޕަ އިންސާނީ ހިދުމަތް ފޯރުކޮށްދޭ ކޮމިޝަނަކާ ހަވާލުކޮށްފައެވެ. އަދި ހެލިކޮޕްޓަރެއްގައި މިހާރު އޭނާގެ އާއިލާ ގާތަށް, ލަ ގުއާޖިރާއަށް ވަނީ ގެންގޮސްފައެވެ. ޑިއާޒްގެ އާއިލާ ދިރިއުޅޭ ގޭގެ ކައިރިއަށް ގިނަ ބަޔަކު އެއްވެފައިވާ އިރު، ޑިއާޒްގެ ބައްޕަ ވަނީ އެމީހުންނާ ވާހަކަ ވެސް ދައްކައިފައެވެ.

"އަހަރެންނާއި އަހަރެންގެ އާއިލާއަށް ހިތްވަރުދިން އެންމެންނަށް ޝުކުރު އަދާކުރަން. އަދި އަހަރެމެން ޝުކުރު އަދާކުރުމަށް ވަރަށް އަވަހަށް ބައްދަލުކުރާނަން،" ގޮނޑިއެއްގައި އިނދެ، މީހުންނާ ވާހަކަދައްކަމުން ޑިއާޒްގެ ބައްޕަ ބުންޏެވެ.

އީއެލްއެންއިން ޑިއާޒްގެ ބައްޕަ ދޫކޮށްލާފައި މިވަނީ އޭނާ ދޫކޮށްލާނެކަމުގެ ޔަގީންކަން ދިނުމަށްފަހުއެވެ. ރަހީނުކުރީ އޭނާއަކީ ޑިއާޒްގެ ބައްޕަކަން ނޭނގި ކަމަށް އެ ގްރޫޕުން ބުނެފައިވެއެވެ.