10 Nov 2023, 16:45
ރެއާލް މެޑްރިޑްގެ ސްޕެއިން ގޯލްކީޕަރު ކެޕާ އަރިޒަބަލާގާއަށް އަނިޔާވެ، ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ޗެލްސީން ލޯނުގެ ދަށުން މިސީޒަނުގައި ރެއާލަށް ކުޅެމުންދާ ކެޕާއަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހު ބްރާގާއާ ދެކޮޅަށް ކުޅުނު މެޗު ގެއްލުނީ ވާމްއަޕްގައި އަނިޔާވެގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ އަނިޔާއާ ގުޅިގެން ހެދި ސްކޭންތަކުން ކެޕާގެ ފައިގެ މަސްގަނޑަށް އަނިޔާއެއް ވެފައިވާކަން ވަނީ ފާހަގަވެފައެވެ. އެ އަނިޔާއާ ގުޅިގެން އޭނާއަށް ތިން މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުން 29 އަހަރުގެ ކެޕާ، ޗެލްސީން ލޯނުގެ ދަށުން ރެއާލަށް ގެންގޮސްފައިވަނީ އެ ކްލަބުގެ ބެލްޖިއަމް ކީޕަރު ތިބައު ކޯޓުވާއަށް ލިބުނު އަނިޔާއަކާ ގުޅިގެން ސީޒަން ގެއްލުމުންނެވެ. ރެއާލާ ގުޅުމަށްފަހު ކެޕާ ވެފައިވަނީ ކޯޗު ކާލޯ އެންޗެލޮޓީއަށް ވަރަށް މުހިންމު ކުޅުންތެރިއަކަށެވެ.
އަނިޔާއާ ގުޅިގެން ބްރާގާއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި އެޓީމުގެ ގޯލު ބަލަހައްޓާފައިވަނީ ޔޫކްރެއިންގެ ކީޕަރު އަންދްރޭ ލުނިންއެވެ. ބްރާގާ އަތުން 3-0ގެ ނަތީޖާއަކުން ރެއާލް މޮޅުވި މެޗުގައި ލުނިން ވަނީ ޕެނަލްޓީއެއް ވެސް މަތަކޮށްފައެވެ.