މޯލްޑިވްސް ބްރޯޑް ކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ކޯޕަރޭޓް ބުރޭންޑިން މެނުއަލާއި ދެ ޗެނެލް ކަމަށްވާ ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑު ރީބްރޭންޑް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްބީސީން މި މަހުގެ ހަތްވަނަ ދުވަހު ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ އެކޯޕަރޭޝަނުގެ ބުރޭންޑިން މެނުއަލާއި ޗެނެލްތައް ރީބުރޭންޑް ކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަފައިވާ ކަމަށެވެ.

ޓީވީއެމްގެ ސީއީއޯ މުހައްމަދު އާސިފު( މޮންދު) މިއަދު ވިދާޅުވީ އެ މަސައްކަތަށް ޝައުގުވެރިވާފަރާތްތަކުން މިހާރު ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށާއި އެކަން ކުރިއަށް ދާކަމަށެވެ. އޭނާ ވިދާޅުވީ އަޑާއި ޓީވީއެމްގެ ނަމަށް އެއްވެސް ބަދަލެއް ގެންނަން މަސައްކަތް ނުކުރާ ކަމަށާއި ޗެނެލްގެ ބުރޭންޑަށް ބަދަލު އަންނާނެ ކަމަށެވެ.

"ނަމަށް އެއްވެސް ބަދަލެއް ގެންނަކަމެއް އެނގިފައެއް ނެތް. ޗެނެލް ބުރޭންޑިންގަ އަށް ބަދަލު ގެންނަނީ،" މުންދު ވިދާޅުވި އެވެ. އެމްއެންބީސީގެ ނަމުގައި ކުރިން ހިންގި އިރު އިތުރު ޗެނަލެއް ކަމަށްވާ ޔޫތު ޓީވީ އަށް ކޮންމެވެސް ވަރަކަށް ބަދަލު ގެނައުމަށް ފަހު އެޗެނެލް އަލުން ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނީ ގޮތުން އުފެދިފައިވާ އެމްބީސީ އާއި އަޑާއި ޓީވީ ހަވާލު ނުކޮށް މޯލްޑިވްސް ނޭޝަނަލް ބުރޯޑްކާސްޓި ކޯޕަރޭޝަން (އެމްއެންބީސީ) އުފައްދައި ޓީވީއެމާއި ދިވެހި ރާއްޖޭގެ އަޑުގެ ނަން ރީބުރޭންޑް ކޮށް އެމްއެންބީސީ ވަން އާއި ރާއްޖޭ ރޭޑިޔޯގެ ނަމުގައި އެ ދެޗެނެލް ވަނީ ހިންގާ ފައެވެ.

ނަމަވެސް ހަތެއް ފެބުރުއަރީގައި ވެރިކަން ބަދަލުވުމާއި ގުޅިގެން ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެމްބީސީއާއި އެ ދެ ޗެނެލް ހަވާލުކުރުމަށް ފަހު އެމްއެންބީސީވަންގެ ނަމުގައި އާއި ރާއްޖެ ރޭޑިޔޯގެ ނަމުގައި ހިންގަމުން އައި ދެ ޗެނެލްގެ ނަން ގާނޫނުގައި ބުނެފައިވާ ގޮތަށް ޓީވިއެމާއި ދިވެހި ރާއްޖޭގެ އަޑުގެ ނަމަށް ބަދަލުކޮށް ފައެވެ.

އެމްބީސީގެ ގާނޫނޫގައި 43 ވަނަ މާއްދާގައި ބުނެފައި ވަނީ މި ގާނޫނަށް އަމަލުކުރަން ފެށުމާއިއެކު ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވުސް މިގާނޫނޫގެ ދަށުން އުފައްދާ މޯލްޑިވުސް ބްރޯޑްކާސްޓިން ކޯޕަރެޝަނުގެ ދެ ޗެނެލަށް ބަދަލުވެގެން ދާނެ ކަމަށެވެ.