10 Nov 2023, 15:42
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ދުވާލަކު ހަތަރު ގަޑިއިރަށް މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
ހަނގުރާމަ މެދުކަނޑާލާނީ ވަކި ސަރަހައްދުތަކަކަށް ކަމަށް އިސްރާއީލުން ބުނެއެވެ.
އެމެރިކާގެ ގައުމީ ސަލާމަތީ މަޖިލީހުގެ ތަރުޖަމާނު ޖޯން ކާބީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި, އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމަށް ހަމަލާތައް މެދުކަނޑާލަން ނިންމާފައި ވަނީ އިއްޔެއިން ފެށިގެންނެވެ. އަދި ހަމަލާތައް މެދުކަނޑާލާނެކަން ތިން ގަނޑިއިރު ކުރިން އިއުލާނުކުރަން ވެސް އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.
ނަމަވެސް ހަމާސް އިން ވަނީ އެމެރިކާގެ އެ ވާހަކަތައް ދޮގުކޮށްފައެވެ. ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ސިޔާސީ މުޝީރު ތާހިރު އަލް ނޮނޯ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް ވަކި ގޮތެއް ނުނިމެއެވެ. އަދި މިހާތަނަށް އެއްވެސް ކަހަލަ އެއްބަސްވުމަކަށް އައިސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ހަނގުރާމަ ހުއްޓުމުގެ ވިސްނުމެއް އެމީހުން ނުގެންގުޅެއެވެ. ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ޣައްޒާގެ އުތުރުގައި ތިބި މީހުން ދެކުނަށް ބަދަލުވުމަށް ވަގުތުދީ، ހަނގުރާމަ ދޭތެރެ ދޭތެރެއިން މަދުކަނޑާލާނެއެވެ.

އދ ގެ ރެފިއުޖީ ސްކޫލްަގައި ދިރިއުޅޭ ޣައްޒާ އާއިލާއެއް. ބުރާސްފަތި ދުވަހުން ފެށިގެން ދުވާލަކު 4 ގަޑިއިރަށް ހަނގުރާމަ މެދުކަނޑާލާނެ ފޮޓޯ/ޔޫއެސް ނޫސް
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލުމަށް އިސްރާއީލުގައި އެދިވަޑައިގެންފައެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލާކަށް ބައިޑެން ވެސް ގޮވައިނުލައްވައެވެ.
މި މަޑުޖެހުންތަކުގެ ސަބަބުން، މިހާރު ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން ދޫކޮށްލުމުގެ ފުރުސަތު ލިބޭނެކަމަށާއި ޣައްޒާއަށް ބޭހާއި ކާނާ ވެއްދޭނެ ކަމަށްވެސް އަލްޖަޒީރާއިން ބުނެއެވެ.
ނަމަވެސް އެގޮތަށް ހަނގުރާމަ މެދުކަނޑާލުމަކީ އަދި ހައްލެއް ނޫން ކަމަށާއި ހައްލަކީ ހަނގުރާމަ ހުއްޓާލުން ކަމަށް ރަޓްގާ ޔުނިވާސިޓީގެ މެދުއިރުމަތި ދިރާސާކުރައްވާ ތަޖުރިބާކާރު އަބްދުލް ހަމީދާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.
"މިއީ ހަމައެކަނި އުތުރުން ދެކުނަށް މީހުން ބަދަލުވުމުގެ ފުރުސަތު ދިނުމަށް ދިން މަޑުޖެހުމެއް ނަމަ، މީގެކުރިން އެކަމެއް ނުކުރެވުނު، ކުރިއަށް އޮތްތަނުގައި ވެސް ނުކުރެވޭނެ." ހަމީދު ވިދާޅުވިއެވެ.
"ހަތަރު ގަޑިއިރު ތެރޭގައި މީހުންނަށް ޣައްޒާއަކުން ނުނިކުމެވޭނެ. އެމީހުންގެ ކާރެއް ނެތް، ތެލެއް ވެސް ނެތް. އެއީ ވާނެ ކަމެއް ނޫން."
ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލަށް ވަރަށް ބޮޑު ޕްރެޝަރެއް މިހާރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.