ބެލުންތެރިންގެ ތެރެއިން ގިނަ ޒުވާނުން އިންތިޒާރު ކުރަމުން އަންނަ ފިލްމު "ދަ އާޗީޒް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އިންޑިއާގެ ފިލްމީ ޚާންދާންތަކަށް ނިސްބަތްވާ ތިން ޒުވާނުން ފިލްމީ ދާއިރާއަށް ތަޢާރަފު ކުރާ މި ފިލްމަކީ، މަގުބޫލު ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ އުފެއްދުމެކެވެ.

ނެޓްފްލިކްސްއަށް ޑައިރެކްޓަރު ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްދީފައިވާ މި ފިލްމުން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރު، އެކްޓަރު ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އަދި ހިންދީ ސިނަމާގެ މެގަ ސްޓާ އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާގެ ފިލްމީ ކެރިއަރު ފެށޭނެއެވެ.

އިއްޔެގެ ވަގުތެއްގައި ބެލުންތެރިންނަށް ދޫކޮށްލި މި ޓްރެއިލާއިން ދައްކުވައިދެނީ، ޒުވާނުންތަކެއް އެމީހުންގެ ދިރިއުޅުމުގެ ޅައިރުގެ ގިނަ ހަނދާންތައް ރައްކާކުރެވިފައިވާ އުފަން ރަށް ޒަމާނީ ކަންކަމުން ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ.

ޑައިރެކްޓަރު ޒޯޔާ އަޚްުތަރު އަދި 'ދަ އާޗީޒް'ގެ ކާސްޓު

ފިލްމުގެ އެންމެ މުހިއްމު ރޯލުން ފެންނަ ސުހާނާ ޚާންއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު ޑައިރެކްޓަރު ޒޯޔާ ބުނެފައި ވަނީ، ސުހާނާ އަކީ އެކްޓިންގެ ހުނަރު ވަރަށް ރަނގަޅަށް ދަސްވެފައި ހުރި ކުއްޖެއްކަމަށާއި ސުހާނާގެ ޕާފޮމެންސްއިން އޯޑިއަންސްގެ ހިތް އަތުލަން މާގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށެވެ. އެކްޓްކުރުމުގެ ހުނަރުގެ އިތުރުން ސުހާނާއަކީ ވަރަށް ރީތިކޮށް ލަވަކިޔާ ފަރާތެއްކަމަށް ވެސް ޒޯޔާ ވަނީ ބުނެފައެވެ.

ފިލްމު "ދަ އާޗީޒް"އިން އެކުވެރިންތަކެއްގެ މެދުގައި އުފެދޭ ވަރުގަދަ ގުޅުމާއެކު ލޯތްބަށް ބަދަލުވެ، ދިމާވާ ގޮންޖެހުންތައް ފެންނާނެއެވެ. މި ފިލްމަކީ، ގިނަ ބައެއްގެ މަގުބޫލުކަން ހޯދި މަޝްހޫރު ކޮމިކް 'ދި އާޗީ'އަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ.

ކުޅަދާނަ ޑައިރެކްޓަރު ޒޯޔާ އަޚްތަރު މި ފިލްމުގެ ވާހަކަ އުފައްދާފައި ވަނީ އިންޑިއާގެ މާޙައުލަށް ފެތޭގޮތަށް ބޮލީވުޑްގެ އޯޑިއަންސަށް ކަމުދާނެ ކަހަލަ ގޮތަކަށެވެ. ނެޓްފްލިކްސް މެދުވެރިކޮށް "ދަ އާޗީޒް" ރިލީޒްކުރުމަށް ނިންމާފައި ވަނީ ކުރިޔަށް އޮތް ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.