ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ މި ދައުރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މުހިންމު ބިލުތަކެއްގެ މަސައްކަތް އަދިވެސް އޮތީ މަޖިލީހުގެ އެކި މަރުހަލާތަކުގައި ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ މި ފަސް އަހަރުގެ ދައުރުގައި 153 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވާކަމަށެވެ.

އޭޖީ އޮފީހުން ބުނީ ދައުރު ނިމުމަކާ ހަމައަށް އައިއިރު އޭގެ ތެރެއިން 120 ބިލެއް ފާސްކޮށް، ރައީސް ތަސްދީގުކުރައްވައި ގާނޫނަކަށް ބަދަލުކުރައްވައިފައިވާކަމަށެވެ.

ހުށަހެޅި ބިލުތަކުގެ ތެރެއިން އެއް ބިލު ފާސްނުވާއިރު ދެ ބިލެއްވަނީ އަލުން އަނބުރާ ގެނެސްފައެވެ. މިހާރު ވެސް މަޖިލީހުގައި އެކި މަރުހަލާތަކުގައި 30 ބިލެއް އެބައޮތެވެ.

އޭގެ ތެރޭގައި މަސައްކަތު މާހައުލުގައި ސަލާމާތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު ހިމެނެއެވެ. އަދި ރާއްޖޭގެ ރަށްތަކުގެ ބިން ބޭނުންކުރުމާ ގުޅޭ ބިލުތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، މެޖިސްޓްރޭޓުން އައްޔަންކުރުމާ ގުޅޭ އުސޫލު އިސްލާހުކުރުމަށާއި ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

އަދި ޖިނާއީ އަދުލާއި ފަނޑިޔާރުންނާ ގުޅޭ މުހިންމު ބިލުތަކުގެ މަސައްކަތް އަދިވެސް މަޖިލީހުގެ އެކި މަރުހަލާތަކުގައި ނުނިމި އެބަހުރި ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

މި ދައުރުގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒުވީ، ސަރުކާރު މެމްބަރުންގެ ފަރާތުން އެއްބާރުލުން ނުދީގެން އެއްގޮތަކަށް ވެސް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ޠާރިގު ހުށަހެޅުއްވި ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ ކޮމްޕޮޒިޝަން އިސްލާހުކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންދެވުމުންނެވެ.

ފަހުން ސަރުކާރުގެ ފަރާތުން އެކަމާ ބެހޭ ބިލު ހުށަހަޅައިގެން އަދި އެ ބިލުގެ މަސައްކަތް އޮތީ ފުރަތަމަ ކިޔުން އިއްވި ގޮތަށެވެ.

އެއީ މި ސަރުކާރުގެ ރިޔާސީ ވައުދަކަށްވީއިރު ދައުރު ނިމުނު އިރު ވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަންވީ ވައުދު ނުފުއްދެއެވެ.

މީގެ އިތުރުން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގައިި ގާނޫނާ ގުޅިގެެން ވެސް ރައްޔިތުން ނުރުހުންވިއެވެ.

ނުނިމި ހުރި ބައެއް މުހިންމު ބިލްތައް:

  • ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު

  • އިންޝުއަރެންސާ ބެހޭ ބިލު
  • ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލު
  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
  • ކުންފުނީގެ ބިލު
  • އެޓާނީ ޖެނެރަލް އޮފީހުގެ ބިލު
  • ފޮރިން އިންވެސްޓްމަންޓްގެ ބިލު
  • ގާނޫނު ނަންބަރު 10/2008 ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލު