09 Nov 2023, 21:20
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ މައްސަލަ ނުނިންމައި، ނަޝީދު ރިޔާސަތުގައި އިންނަވައިގެން އިންތިޚާބީ ރައީސް ހުވައިކުރައްވާނަމަ، މަޖިލިސް މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުން ހުވައި ބަލައިނުގަންނާނެކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވެސް ވަނީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނު ނަމަވެސް، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ނިންމައިފައެވެ.
އެ ނިންމުމާ ގުޅިގެން، ރައީީސް ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ އިންތިޚާބީ ސަރުކާރު ހުވައިކޮށް، ކެބިނެޓް އެކުލަވައިލުމާ ހަމައަށް އެ މަނިކުފާނުގެ މައްސަލަ މަޑުޖެއްސޭތޯއެވެ. އަދި އެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ޓަކައި އެ މަނިކުފާނު އަންނަނީ ބާރު އަޅުއްވަމުންނެވެ.
މި ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި "ސަން"އާ ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ނަޝީދު އެ މޭރުމުން ވާހަކަފުޅުދައްކަވަން ލަދުގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
މުޅި މަޖިލީހުގެ މެޖޯރިޓީގެ ކުރިމަތީ އެ މަނިކުފާނުގެ އިތުބާރު ނެތްކަން ހާމަވާއިރު ގަދަބާރުން އުޅުއްވުމުގެ ބޭނުމެއް ނެތްކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައިފައި ނުބޭއްވޭނެކަމަށް ވެސް ވިދާޅުވިއެވެ.
"[ކުރީގެ މަޖިލިސް ރައީސް އަބްދުﷲ މަސީހު] މަސީހު މައްސަލައިގައި ވެސް ހުދު ރައީސް ނަޝީދު ވިދާޅުވެފައި އެބައޮތް ގާނޫނީ ބުރަދަނެއް ނެތި މަޖިލީހުގައި ރިޔާސަތުގައި އިންނަވަނީކަމަށް. މިއަދު އެ މަނިކުފާނު އެ ކަން އެ ތަކުރާރުކުރައްވަނީ. އަދިވެސް އެ ވިދާޅުވަނީ ނޫނޭ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ދެން ރިޔާސަތުގައި ނަޝީދު އިންނަވައިގެން މަޖިލީހުގައި ކުރާ އެއްވެސް މަސައްކަތަކަށް އެމްޑީޕީގެ އެއްވެސް މެމްބަރެއްގެ އެއްބާރުލުން ނުލިބޭނެކަމަށެވެ. އަދި އެ މަސައްކަތާ ގުޅުން ހުރި އެހެނިހެން އެއްވެސް ކަމަކަށް ވެސް އެމްޑީޕީ މެމްބަރުންގެ އެއްބާރުލުން ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.
އޭގެ ތެރޭގައި އިންތިޚާބީ ރައީސްގެ ހުވައިކުރެއްވުމާއި، ކެބިނެޓަށް ރުހުން ދިނުމުގައި ވެސް އެއްބާރުލުން ނުދެއްވާނެކަމަށް ވިދާޅުވިއެވެ.
"ސާފުކޮށް މި ދަންނަވަނީ ރައީސް ނަޝީދު ބައިންދައިގެން ކުރާ ކަމެއް ވަންޏާ، އަޅުގަނޑުމެންގެ ތާއީދަކާއި އަޅުގަނޑުމެންގެ ރުހުމެއް ނުލިބޭނޭ އެ ހުވަޔަކަށް، އެ ޖަލްސާއަަކަށް. އަދި އޭގެ ފަހުން އެ ހުވާ ކުރައްވައިގެން ސަރުކާރުން ކުރައްވާ ކަންކަމަށް ވެސް އަޅުގަނޑުމެންގެ އެއްވެސް ކަހަލަ ތަރުހީބެއް ނުލިބޭނެ،" އަސްލަމް ވިދާޅުވިއެވެ.
މީގެ ކުރިން އަސްލަމް ވަނީ ހުވާކުރުމުގެ ޖަލްސާއަަށް ހުރަސް އެޅުމުގެ ރޫހު އެމްޑީޕީގެ ޕީޖީން ނުގެންގުޅޭކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އޭރު ވެސް އަސްލަމްވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށަހަޅައިފައި ވަނިކޮށް އެ މައްސަލަ ކުރިއަށް ނުގެންގޮސް ބާއްވައި، ޖަލްސާއެއްގައި އިންތިޚާބީ ރައީސް ކުރައްވާ ހުވައަކީ ސައްހަ ހުވައެއް ކަމަށް އެމްޑީޕީގެ ޕީޖީން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފައެެވެ.
އެމްޑީޕީގެ 56 މެންބަރުން މިހާރު މަޖިލީހުގައި ތިއްބަވައެވެ.