10 Nov 2023, 22:54
އެންބީއޭ ބާސްކެޓު ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސްއިން ގޯލްޑަން ސްޓޭޓް ވޮރިއާސްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ޑެންވާގެ ބޯލް އެރީނާގައި ކުޅުނު މި މެޗު ނަގެޓްސްއިން ކާމިޔާބުކޮށްފައިވަނީ 108 ޕޮއިންޓް 105 ޕޮއިންޓްގެ ކުޑަ ތަފާތަކުންނެވެ. މި ފަހަރުގެ ސީޒަންގައި މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަމުންދާކަމަށް ފާހަގަ ކުރެވިފައިވި މި ދެޓީމުގެ ކުރިމަތިލުމުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ.
މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނު އިރު ގަނެޓްސްއިން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފައިވީ ނަމަވެސް ތިންވަނަ ކުއާޓާ ނިމެންވާއިރަށް ވޮރިއާސްއިން ވަނީ އެއް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. މެޗުގައި ހަތަރުވަނަ ކުއާޓާ ދިޔައީ ވަރަށް ފޯރިގަދަ ކޮށެވެ. މެޗު ނިމެން 15 ސިކުންތަށް ވެފައިވިއިރު ނަގެޓްސް އޮތީ 107 ޕޮއިންޓް 105 ޕޮއިންޓުން ކުރީގައެވެ.
މެޗު ނިންމައިލަން ނިކޮލާ ޔޮކިޗަށް ލިބުނު ދެ ފްރީ ތްރޯ ކާމިޔާބު ނުކުރެވުނު ނަމަވެސް އެކަމުގެ ފައިދާ ވޮރިއާސްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ސްޓެފަން ކަރީއަށް ނެގޭގޮތެއް ނުވިއެވެ. އޭނާ އެއްލި ބޯޅަ ޕޮޓަށް ވެއްޓުމުގެ ބަދަލުގައި ދިޔައީ ބޭރަށެވެ.
މެޗުގައި ނަގެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޔޮކިޗެވެ. ވޮރިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ކަރީއެވެ.
މި ކާމިޔާބީއާ އެކު ނަގެޓްސްއިން މިހާތަނަށް ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު މި ވަނީ ކާމިޔާބުކޮށްފައެވެ. އަމިއްލަ ކޯޓުގައި ކުޅުނު ހަ މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރި މެޗު 106 ޕޮއިންޓް 103 ޕޮއިންޓުން ކާމިޔާބު ކުރީ ސެވަންޓީ ސިކްސާސްއެވެ. މެޗުގައި ސިކްސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން ޖޮއެލް އެމްބިޑްއެވެ. އަދި، ސެލްޓިކްސްގެ ކްރިސްޓަޕްސް ޕޯޒިންގީސް ވަނީ 29 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ކޮށްފައެވެ.
މީގެ އިތުރުން މިލްވައުކީ ބަކްސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 120 ޕޮއިންޓް 118 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. އެ މެޗުގައި ބަކްސްގެ ޑާމިއަން މިލާޑްވަނީ 34 ޕޮއިންޓް ހޯދައިދީ ދެ ރީބައުންޑް ނަގައިދީ ތިން އެސިސްޓް ކޮށްފައެވެ. ޕިސްޓަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ކޭޑް ކަނިންހަމެވެ.