10 Nov 2023, 16:16
ހެރީ ކޭން ޖަހައިދިން ދެ ލަނޑާއެކު ޔުއޭފާ ޗެމްޕިއަންސް ލީގު ދެވަނަ ބުރުން ޖަރުމަނު ބުންޑަސްލީގާގެ ބަޔާން މިޔުނިކް ޖާގަހޯދައިފިއެވެ.
ބަޔާންއަށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ލިބުނީ ތުރުކީޔޭގެ ގަލަތަސަރާއީއާ ބައްދަލުކުރި މެޗު ދެ ލަނޑު އެއްލަނޑުން ކާމިޔާބުކޮށްގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއިންނެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗްގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗުގައި ބަޔާންއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 80 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ކޭންއެވެ. މިލަނޑާއެކު އިންގްލަންޑްގެ ކެޕްޓަން ވެފައިވަނީ ޗެމްޕިއަންސް ލީގުގައި 25 ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާ އަަށެވެ. އަދި ބަޔާންގެ ފުރަތަމަ ލަނޑު ޖަހާދިންތާ ހަ މިނެޓް ފަހުން ކޭންވަނީ އެޓީމްގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. މިއާއެކު ކޭން މިވަނީ މިސީޒަންގައި ބަޔާންއަށް މިހާތަނަށް ކުޅެދިން 15 މެޗްގައި 19 ލަނޑު ޖަހައިދީފައެވެ.
މިމެޗުގައި މީގެ އިތުރުންވެސް ބަޔާންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައިވެއެވެ. މިގޮތުން ލިރޯއި ސާނޭ އާއި ޖަލާމް މުސިއެލާ ފޮނުވާލި ދެހަމަލާ ގަލަތަސަރާއީގެ ކީޕާ ފެނާންޑޯ މުސްލެރާ ދިފާއުކޮށްފައިވާއިރު ކޭން ފޮނުވާލި ހަމަލާ އެއްވަނީ ގަލަތަސަރާއީ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ. މިމެޗުގައި ގަލަތަސަރާއީއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ސެޑްރިކް ކަމަމްބޫއެވެ.
މިކާމިޔާބީއާއެކު ބަޔާން މިމުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފައިވާއިރު އެޓީމްވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދައިފައެވެ. އަދި ގަލަތަސަރާއީ އުޅެނީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ.