10 Nov 2023, 13:15
ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް ބީގައި އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލް އާއި ސްޕެނިޝް ލަލީގާގެ ސެވިއްޔާ ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބުކޮށް، މިގްރޫޕްގައި އެ ޓީމް ހަމަޖެހިލައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު އެ ޓީމް ކާމިޔާބުކޮށްފައިވަނީ ދެ ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލްއިންނެވެ. މިމެޗުގައި އާސެނަލްގެ އެންމެ ކުރިއަށް މިސީޒަންގައި ކުޅެމުންދާ ގެބްރިއަލް ޖޭސޫސް އާއި އެޑީ އެންކެއިޓިއާއަށް އަނިޔާ ވެފައިވުމުގެ ސަބަބުން މިމެޗުގައި އެޓީމްގެ އެންމެ ކުރިއަށް ކުޅެފައިވަނީ ލެއާންޑްރޯ ޓްރޮސާޑްއެވެ.
މިމެޗުގައި އާސެނަލްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި ޖަހައިދީ އެޓީމަށް ލީޑު ނަގައިދީފައިވަނީވެސް ޓްރޮސާޑްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗުގެ 64 ވަނަ މިނެޓްގައި ޖަހައިދިނީ ބުކާޔޯ ސާކާއެވެ. މިމެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތު އާސެނަލްއަށް ލިބުނު ކަން ފާހަގަ ކޮށްލެވެއެވެ. މިދިޔަ ސީޒަންގެ ޔުއޭފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މިފަހަރުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބުނު ސެވިއްޔާއަށް މިމެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި ރަނގަޅު ހަމަލާއެއްވެސް އުފެއްދުނު ތަނެއް ނުފެނެއެވެ. ގްރޫޕް ބީއިން އެއްވަނައަށް ސީޑް ކުރެވިފައިވި ސެވިއްޔާއަށް މިފަހަރުގެ މުބާރާތުގައި އަދި މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
މިމެޗު ކާމިޔާބު ކުރުމާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި ސެވިއްޔާ އުޅެނީ ދެ ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ.