19 May 2012, 13:46
ލޮނުޒިޔާރަތްކޮޅު ކޭމްޕަށްފަހު އެމްޑީޕީގެ ހަރަކާތްތައް ބާއްވަމުން އަންނަ އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ކުރަން އެންގި އެންގުމަށް ތަބާ ނުވުމުން އެކަމުގައި ދެން އަމަލު ކުރާނެ ގޮތް ނިންމާނީ ފުލުހުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ އައްބާސް އާދިލު ރިޒާ ވިދާޅުވީ އުސްފަސްގަނޑު ހަވާލު ކުރުމަށް ސިޓީ ކައުންސިލަށް އެންގި އެނގުމަށް ތަބާ ނުވުމުން އެކަން ތަންފީޒް ކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"އެ ސަރައްދު ރޫޅާލުމުގައި އަމަލުކުރާނެ ގޮތް ދެން ނިންމާނީ ފުލުހުން،" އައްބާސް ވިދާޅުވި އެވެ.
އައްބާސް މިއަދު ވިދާޅުވީ ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތައް އުސްފަސްގަނޑު ހައުސިން މިނިސްޓްރީއާ ހަވާލު ނުކުރުމުން އެކަން ތަންފީޒު ކޮށްދޭން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް އެކަމުގައި ފުލުހުން އަމަލުކުރާނީ މަސްލަހަތު އޮތް އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ.
"ފުލުހުން ޕްރޮފެޝަނަލިޒަމާއި އެބޭފުޅުންގެ ޖަޖްމަންޓް ބޭނުން ކުރައްވައިގެން އެންމެ މަސްލަހަތު ހަމަޖެހޭ ގޮތަކަށް ކަންތައް ކުރައްވާނެ. އެބޭފުޅުން ކަން ކުރަންވީ ގޮތަކީ ފަހަރެއްގައި ވެސް ސަރުކާރުން އެއަށް ބަސްކިޔާ ގޮތް ކިޔާނެ ގޮތެއް ނޫން،" އައްބާސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އުސްފަސްގަނޑުގެ ކޭމްޕް ރޫޅާލުމުގައި ވަކި ގޮތަކަށް އަމަލު ކުރާން ސަރުކާރުން ނާންގާނެ ކަމާށެވެ.
"އެ ބޭފުޅުނަށް މިކަން [އުސްފަސްގަނޑު ރޫޅާލުމަށް] ފެނިވަޑައިގަންވާ ވަގުތަކާއި ދުވަހެއްގައި އެކަން ކުރާނެ،" އައްބާސް ވިދާޅުވި އެވެ.
އުސްފަސްގަނޑު އަތުލައި އެތަން ފުލުހުންގެ ބާރުގެ ދަށަށް ގެންދަން އުޅޭ ކަމަށްބުނެ ސޯޝަލް ނެޓްވޯކުތަކުގައި މެސެޖްތަކެއް މިދިޔަ ހަފުތާގައި އާންމުކޮށްފައިވާއިރު ފުލުހުން ބުނެފައި ވަނީ އެ ފަދަ އެއްވެސް ކަމެއް ކުރަން ފުލުހުން އަދި ނޫޅޭ ކަމަށެވެ.
ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވާ ބިންތަކުގެ ދަފްތަރުން އުސްފަސްގަނޑު އުނި ކުރުމަށް ނިންމާ އެ ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލުކުރަން ދިން މުއްދަތު މިދިޔަ ހޯމަ ދުހަށް ވަނީ ހަމަވެފަ އެވެ.
ސިޓީ ކައުސިލުން ބުނެފައިވަނީ އުސްފަސްގަނޑު ސަރަހައްދު ގަވާއިދާ ހިލާފަށް ބޭނުން ކުރަމުން ނުދާ ކަމަށާއި އެ ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލުކުރެވެން ވެސް ނެތްކަމަށެވެ. އުސްފަސްގަނޑު ރޫޅާ ނުލުމަށް ފުލުހުންނާއި ސިފައިންގެ ކިބައިންވެސް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.
އުސްފަސްގަނޑުގައި އެމްޑީޕީގެ ހަރަކާތްތައް ކުރިޔަށްދާއިރު އެ ފަސްގަނޑުގައި ދަގަނޑު ބޭނުންކޮށްގެން ތަފާތު މަސައްކަތްތައްކޮށް ބޮޑު ހަރަދެއް ވެސް ވަނީ ކޮށްފަ އެވެ.