ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއިން ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށާއި އިންތިޚާބީ ރައީސްގެ ހުވާކުރެއްވުމަށް އެ ގަރާރުގެ ސަބަބުން ހުރަސް ނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާ ގުޅިގެން، އެމްޑީޕީ ފެއިލްވެފައިވާ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން ހުކުމް އިއްވުމުން ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީން މަސަައްކަތް ކުރީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އަޅަން ކަމަށެވެ.

"އިންތިޚާބީ ރައީސްގެ ހުވާ ކުރެއްވުމުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީން ރާވަމުންދިޔަ ރޭވުން ފެއިލްވިކަމަށް ޓަކައި މާތް ﷲއަށް ހަމްދުކުރަން. ހުވާކުރެއްވުމުގެ ކަންކަން ދާނީ ރީތިކޮށް،" ނަޝީދު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށްނުގެންދެވުނު ނަމަވެސް، މަޖިލީހުގައި ޖަލްސާއެއްގައި އިންތިޚާބީ ރައީސް ހުވާ ކުރައްވަން ހުރަސް ނޭޅޭނެ ކަމަށެވެ. އެގޮތުން އިންތިޚާބީ ރައީސް މަޖިލީހުގެ ޖަލްސާއެއްގައި ހުވާ ކުރެއްވުމަކީ ގާނޫނު އަސާސީން ލާޒިމުކުރާ ކަމެއްކަން ފާހަގަކޮށް، ގާނޫނު އަސާސީން ލާޒިމުކުރާ ކަމަކަށް މަޖިލީހުގެ ގަވާއިދުގެ މައްޗަށް އިސްކަން ދޭން ޖެހޭނެ ކަމަށް ހުކުމުގައިވެއެވެ.

މީގެ ކުރިން އެމްޑީޕީންވަނީ ނަޝީދު ރިޔާސަތުގައި ހުންނަވަނިކޮށް މުއިއްޒު ހުވާ ކުރެއްވި ނަމަވެސް ހުވާ ގަބޫލުނުކުރާނެ ކަމަށް ބުނެފައެވެ.

އެމްޑީޕީގެ 49 މެންބަރުން ސޮއިކޮށް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހު އަށެއްގައެވެ. އެ މައްސަލައިގައި ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސް ފޮނުވުމަށް ފަހު އެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ މަހު 26 ގައެވެ. އެކަމަކު، މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ދެ ބެއިންގެ ދެ ދަރި ކޮއްކޯފުޅު އީވާ އާލާސްކަންފުޅާ ސަލާން ވިދާޅުވާ ވަރުން، މުޅި އެ ހަފުތާގައި ވެސް އެ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ.

އޭގެ ފަހުން، މި ހަފުތާގައި އީވާ ވަނީ އެމްޑީޕީން މަޖިލީހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އަމީންއާންމަށް ސިޓީއެއް ފޮނުއްވައިފައެވެ. އެހެންވެ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރަންދެން، ނަޝީދުގެ މައްސަލަ ތާވަލުނުކުރެވި، މަޖިލީސް އޮތީ ހުއްޓިފައެވެ.